ENGLISH
08 ސެޕްޓެމްބަރު 2025
ބޭނުންކުރެވޭ ރިޒާވްއަށް އެއް މަސްތެރޭ 10 މިލިއަން ޑޮލަރުގެ ކުރިއެރުމެއް
14 އޯގަސްޓު 2025
|
މަރުކަޒީ ބޭންކު
ބޭރުގެ ދަރަނި އަދާކުރުމާއެކު ދައުލަތުން ކުރު މުއްދަތުގައި އަދާކުރަންޖެހޭ ބޭރު ފައިސާގެ މާލީ އިލްތިޒާމުތައް މަދުވުމާއެކު ބޭނުންކުރެވޭ ރިޒާވްއަށް މަސް ދުވަހުން ދިހަ މިލިއަން ޑޮލަރު އިތުރުވެ، ބޭނުންކުރެވޭ ރިޒާވް 212 މިލިއަން ޑޮލަރަށް އަރައިފިއެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާއްމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި ހުރީ 774.5 މިލިއަން ޑޮލަރެވެ. ޖޫން މަސް ނިމުނުއިރު 832 މިލިއަން ޑޮލަރު ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި ހުއްޓެވެ.
އެހެންކަމުން ރަސްމީ ރިޒާވް އެސެޓުން 57.9 މިލިއަން ޑޮލަރު މަދުވިއެވެ. އަދި ރަސްމީ ރިޒާވް އެސެޓުގެ އިތުރުން ޖުމްލަ ރިޒާވް ހިސާބުކުރުމުގައި ބަލާ "އަދަރ ފޮރިން ކަރަންސީ އެސެޓު"ގެ ގޮތުގައި މަރުކަޒީ ބޭންކުގެ ހިސާބުތަކުން ޖުލައި މަހުގެ ނިޔަލަށް ފެންނަނީ 126.9 މިލިއަން ޑޮލަރެވެ.
ޖޫން މަހުގެ ނިޔަލަށް "އަދަރ ފޮރިން ކަރަންސީ އެސެޓު"ގެ ގޮތުގައި 145.1 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން އަދަރ ފޮރިން ކަރަންސީ އެސެޓުން 18.2 މިލިއަން ޑޮލަރު މަސް ދުވަހުގެ ތެރޭގައި އުނިވިއެވެ.
އަދަރ ފޮރިން ކަރަންސީ އެސެޓުގެ ގޮތުގައި ހިމެނެނީ އެމްއެމްއޭއިން ބޭރު ފައިސާ އިންވެސްޓުކޮށްފައިވާ ސެކިއުރިޓީސްގެ ތެރެއިން ރަސްމީ ރިޒާވް އެސެޓުގައި ނުހިމެނޭ ސެކިއުރިޓީސްއާއި، ރާއްޖޭގެ ބޭންކުތަކުގައި އެމްއެމްއޭއިން އިންވެސްޓުކޮށް ނުވަތަ ޑިޕޮސިޓުކޮށްފައި ހުރި ބޭރު ފައިސާއެވެ.
މި ހިސާބުތަކަށް ބަލާއިރު ޖުމްލަ ރިޒާވްއަކީ މިވަގުތު 900 މިލިއަން ޑޮލަރެވެ. ފާއިތުވި މަސްތަކަށްވުރެ ޖުމްލަ ރިޒާވް ދަށްވި ނަމަވެސް، ކުރު މުއްދަތުގައި އަދާކުރަންޖެހޭ ބޭރު ފައިސާގެ މާލީ އިލްތިޒާމުތައް ނުވަތަ "ޕްރި-ޑިޓާމައިންޑް ޝޯޓްޓާމް ނެޓް ޑްރެއިންސް" ވަރަށް ބޮޑަށް މަދުވުމާ ގުޅިގެން ބޭނުންކުރެވޭ ރިޒާވް އިތުރުވެފައިވެއެވެ.
ކުރު މުއްދަތުގެ އިލްތިޒާމުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަަށް ރެކޯޑުކުރެވިފައިވަނީ 688.2 މިލިއަން ޑޮލަރެވެ. ބޭނުންކުރެވޭ ރިޒާވް ހިސާބުކުރަނީ އެ އަދަދު ޖުމްލަ ރިޒާވް ނުވަތަ ރަސްމީ ރިޒާވް އެސެޓުތަކާއި، އެހެނިހެން ބޭރު ފައިސާގެ އެސެޓުތަކުގެ ޖުމްލަ އަދަދުން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކޮށްގެންނެވެ.
އެގޮތަށް ހިސާބުކުރުމުން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް 212 މިލިއަން ޑޮލަރު ހުރިކަމަށް ދައްކައެވެ. ފާއިތުވި ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 202 މިލިއަން ޑޮލަރެވެ. އެހެންކަމުން ޖުލައި މަހު ބޭނުންކުރެވޭ ރިޒާވްއަށް 10 މިލިއަން ޑޮލަރު އިތުރުވިއެވެ.