ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ކަރެކްޝަނަށް ބޭނުންވާ ވަސީލަތްތައް މި ސަރުކާރުން ދަނީ ފަހިކޮށްދެމުން: ވަޒީރު

14 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން

މި ސަރުކާރުގެ މަސައްކަތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ވަސީލަތްތައް މިދަނީ ފަހިކޮށްދެއްވަމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 54 އަހަރު ފުރުމާ ގުޅިގެން ދެއްވި ވީޑިއޯ މެސެއްގަ އެވެ.

މި ވީޑިއޯ މެސެޖުގައި ވަޒީރު ވަނީ މަސައްކަތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާ ކުރުމުގެ މަސައްކަތްތައް މި ސަރުކާރުން އަންނަނީ ކުރަމުން ކަމަށް ވިދާޅުވެފަ އެވެ. 

އަދި ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ފަންނީ ބޭފުޅުން ބިނާ ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރައްވަމުން ކަމަށް ވިދާޅުވި އެވެ. 

ކަރެކްޝަނަލް ސަރވިސް އަކީ ދައުލަތުގެ ވަރަށް މުހިންމު ޒިންމާއެއް އަދާކުރަމުންދާ މުއައްސަސާއެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ގައިދުކޮށްގެން ގެންގުޅޭ ފަރާތްތަކަށް ދޭންޖެހޭ ޚާއްސަ ފަރުވާތަކާއި އަދި އެ ފަރާތްތައް ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން މުޖުތަމަޢަށް އަނބުރާ ގެނައުމުގަ ކަރެކްޝަން އަދާކުރަނީ ޤައުމީ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އެދެނީ ކަރެކްޝަނަލް ސަރވިސްގެ ތާރީޚުގައިވެސް މިހާތަނަށްވެސް އަދާކުރަމުން އައި ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް އަދާކުރާނެ ބަޔަކަށްވުން," ވަޒީރު އިޙްސާން ވިދާޅުވި އެވެ.

ވަޒީރުގެ ވިޑިއޯ މެސެޖު ނިންމަވާލެއްވީ ކުރިއަށް އޮތް އަހަރަކީ ކަރެކްޝަނަލް ސަރވިސްއަށް މިހާރަށް ވުރެ ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު