ENGLISH
08 ސެޕްޓެމްބަރު 2025
ރައީސްގެ ދަތުރުފުޅާއެކު ބ.އަތޮޅުގައި ފެށިގެންދަނީ ތަރައްގީގެ މޫސުމެއް
14 އޯގަސްޓު 2025
|
ރައިސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅުގެ ރަށްތަކަށް ކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރުފުޅު މިވަނީ މިއަދު ނިންމަވާލައްވާފަ އެވެ. ބ.އަތޮޅަށް ރައީސް ކުރެއްވި މި ދަތުރުފުޅަކީ އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އުންމީދު ގެނުވި، ތަރައްގީގެ ހުވަފެންތަކުގައި ކުލަޖެހޭނެކަމުގެ ޔަގީންކަމާއި ކަށަވަރުކަން އެ ރައްޔިތުންނަށް ލިބުނު ދަތުރެކެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް މީގެ ތިން ދުވަސް ކުރިން ފެއްޓެވި މި ދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލަކީ އެ އަތޮޅުގެ ކަމަދޫ އެވެ. އެ ރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ރަށުގައި އަލަށް ގާއިމުކުރެވުނު ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވައިދެއްވާފަ އެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި ސީޕްލޭން ދަތުރުތައް ފެށުމާއި ރަށު ސްކޫލްގެ އައު އިމާރާތުގެ އެއްބަސްވުމުގައި ވެސް ސޮއިކުރެވިފަ އެވެ. ރައީސް ކަމަދޫއަށް ކުރެއްވި މި ދަތުރުފުޅަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފަހު ރައީސަކު ރަސްމީ ހައިސިއްޔަތެއްގައި ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރެވެ.
ދެން އެމަނިކުފާނު ވަޑައިގެންނެވީ ބ. ކުޑަރިކިލަށެވެ. އެ ރަށުގައި ވެސް އޭޓީއެމްގެ ޚިދުމަތްތައް ފައްޓަވައިދެއްވިއެވެ. ސިއްހީ މަރުކަޒުގެ ބިންގާ ވަނީ އަޅާފަ އެވެ. ކުޑަރިކިލަށްފަހު ކެންދޫއަށް ރައީސް ވަޑައިގެންނެވުމުން، އެ ރަށުގެ ބިން ހިއްކުމާއި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ. ހަމައެއާއެކު، އެ ރަށުގެ ފެނާ ނަރުދަމާގެ ނިޒާމު އެމަނިކުފާނު ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.
ދަތުރުފުޅުގެ ދެވަނަ ދުވަހު އެމަނިކުފާނު ވަޑައިގެންނެވި އެއް ރަށަކީ ބ. ތުޅާދޫ އެވެ. އެ ރަށުގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމަނިކުފާނު ވަނީ ފައްޓަވާފަ އެވެ. އެ ރަށުގެ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ވެސް ފަށާފައިވާއިރު ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
އެއަށްފަހު ރައީސް ދެން ވަޑައިގެންނެވީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބ. އޭދަފުއްޓަށެވެ. އެ ރަށުން ދެންނެވި ހޫނު މަރުހަބާއަށްފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ، ބ. އަތޮޅުގެ އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތާއި، އިމިގްރޭޝަނުގެ އޮފީހެއް ހުޅުވައިދެއްވައި ޕާސްޕޯޓުގެ ހިދުމަތް ވެސް އެމަނިކުފާނު ވަނީ ފައްޓަވާދެއްވާފަ އެެވެ. އެ ރަށުގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމުކުރުމަށާއި ހޮސްޕިޓަލަށް އާ އިމާރާތެއް އިތުރުކުރުމަށްޓަކައި މި ދަތުރުފުޅުގެ ތެރެއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ގޮއިދޫއަށް ވަޑައިގެން ރައީސް ވަނީ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައި، އެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވާފަ އެވެ. އެއަށްފަހު ވަޑައިގެންނެވި ހިތާދޫ އަދި ފެހެންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ވަނީނ ފައްޓަވާފަ އެވެ.
މީގެއިތުރުން ދޮންފަނުގައި ބިން ހިއްކުމާއި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުމުގެ މަޝްރޫއުގައި މި ދަތުރުފުޅުގެ ތެރެއިން ވަނީ ހަވާލުކުރެވިފަ އެވެ. އެއަށްފަހު ވަޑައިގެންނެވި ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ.
މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ މިއަދު ހެނދުނު ވަޑައިގެންނެވި ބ. މާޅޮހެވެ. އެ ރަށަށް ވަޑައިގެން ރައީސް ވަނީ އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވައި ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުން ވެސް ފާހަގަކުރައްވާފަ އެވެ.
ބ. އަތޮޅުގެ 13 ރަށަކަށް ރައީސް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެތައް ސަރުކަރާ މެދު ފޮނި އުއްމީދުތަކެއް ކުރާކަން އެނގިގެންދެ އެވެ. ކޮންމެ ދަތުރުފުޅެއްގައި ވެސް ރަށުގެ ވެރިންނާއި ބައްދަލުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ގެންދަވަނީ އެންމެންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވަމުން ނެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުން އެދޭ ގޮތަކަށް ކަންކަން ބައްޓަންކޮށް، ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށެވެ.
ރައީސް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުން ފެންނަ ހަގީގަތަކީ މި އަހަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފައްޓަވަމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ތެދުކަމެވެ. މިއީ މަސައްކަތްތައް ފެށިގެންދާ އަހަރެވެ. އެއްވެސް ރަށެއް ބާކީނުކޮށް، އާބާދީ ކުދި ރަށްތައް އެކަހެރިނުކޮށް ޝާމިލު ތަރައްގީ ގެނެސްދެއްވުމަށް އެމަނިކުފާނު އެކަށައަޅުއްވާފައިވާ ތަސައްވުރުގައި، އަމަލީ ކުލަޖެހޭނެކަން، މި ދަތުރުފުޅުތަކުގައި ފެށެމުންދާ އަދި ނިމި ހިދުމަތް އިފުތިތާހުކުރެވޭ މަޝްރޫއުތަކުން ސާބިތުވެއެވެ.