ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

އޭޓީއެމް ހިދުމަތް ފުޅާކުރުން؛ ރަށްފުށަށް މާލީ މިނިވަންކަން ފޯރުކޮށްދިނުން

14 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

ރައީސް ޑރ.މުޢިއްޒު ރަށެއްގެ އޭޓީއެމް ހުޅުވައިލަނީ، ފޮޓޯ: ރައީސް އޮފީސް

އަމިއްލަ ބޭންކު އެކައުންޓުން 1,000 ރުފިޔާ ނެގުމަށްޓަކައި 300 ރުފިޔާ ޚަރަދުކުރަންޖެހޭ މީހުން އުޅެ އެވެ. މޫސުން ގޯސް ދުވަހެއްނަމަ، ގަދަ ކަނޑެއް ހުރަސް ކުރަންޖެހެ އެވެ. މިއީ ވަރަށް ފަހަކާ ޖެހެންދެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން، ބޭންކިންގެ އެންމެ އަސާސީ އެއް ޚިދުމަތް ކަމަށްވާ، އޭޓީއެމްގެ ޚިދުމަތް ހޯދުމަށްޓަކައި އުޅެންޖެހޭ ހާލެވެ.

އަހަރު ނިމުމުގެކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ، ރައްޔިތުންގެ މި ތަކުލީފުތައް ލުއިކޮށްދިނުމުގެ ބޭނުމުގަ އެވެ. އަހަރުގެ މިހާތަނަށް އައިރު، ރައީސްގެ މި ވައުދުގެ ދަށުން ރާއްޖޭގެ 47 ރަށެއްގައި މި ޚިދުމަތް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

ރައީސް ބ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ އިފްތިތާހުކުރައްވާފަ އެވެ. އެ އަތޮޅުގެ އެންމެ ފަހު މަންޒިލް ކަމަށްވާ، މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެފައި ވަނީ މިވަގުތު އިތުރު 5 އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް އެ ބޭންކުން ތައްޔާރުވެފައިވާ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ބާކީ 7 އަތޮޅުގެ 33 ރަށުގައި އެ ޚިދުމަތް ގާއިމުކުރުން ކަމަށެވެ.

ވެރިކަން ކުރާ މާލެއަށް އެކަނި ބާލާލިޔަސް ނަގުދު ފައިސާއާ ގުޅުންހުރި މި ފަދަ ޚިދުމަތްތަކުގެ މުހިއްމުކަން ފެންނާނެ އެވެ. ބީއެމްއެލް އިން ގަބޫލުކުރާ ގޮތުގައި މާލޭގައި ގާއިމުކޮށްފައިވާ އޭޓީއެމްގެ މުއާމަލާތްތަކުގެ އަދަދާއި އޭޓީއެމްގެ ބޭނުންކުރުމަށް ކޮންމެ ވަގުތަކު ކޮންމެ އޭޓީއެމް ސެންޓަރެއްގެ ކިއު އިން އެކަނިވެސް ނަގުދު ފައިސާއާ ގުޅުންހުރި ޚިދުމަތްތަކުގެ ބޭނުންތެރިކަން ހާމަވެ އެވެ.  

" ޚިދުމަތަކަށް ނުވާނެ ޚިދުމަތެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ. އަދި ދިވެހި މުޖުތަމައިން ނަގުދު ފައިސާ ބޭނުންކުރުން އެއްކޮށް ހުއްޓާލަން ދެން އޭޓީއެމްގެ ޚިދުމަތް ނުދީ ތިބެންޖެހޭ ކަމަކަށްވެސް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ."

"ނަގުދު ފައިސާ އާ ގުޅުންހުރި ޚިދުމަތްތަކުގެ އިތުރުން ބޭންކުގެ ރީޓެއިލް ބޭންކިންގެ ޚިދުމަތްތައް ވެސް މިވަނީ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަކަމެއް ގެނެސްދީފަ. މިހާރުވެސް ބީއެމްއެލްގެ 99% އަށް ވުރެ ގިނަ މުއާމަލާތްތައް ހިންގަނީ ޑިޖިޓަލްކޮށްކަން އަޅުގަނޑުމެން ފާހަގަކުރަން." ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ބޭނުންވާ އަނެއް ސަބަބަކީ، އެކަމަށް އޮންނަ ޑިމާންޑެވެ. އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވެވަޑައިގެންނެވި ވައުދެކެވެ. އޭގެކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެ ވައުދުވެވަޑައިގެންނެވި އެވެ. އެއީ ކެމްޕޭނު ދުވަސްވަރު ރަށްރަށަށް ވަޑައިގެންނެވުމުން ރައްޔިތުންގެ ފަރާތުން އެދޭ ކަންކަމުގެ ތެރޭގައި އަބަދުވެސް އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުން ހިމެނޭތީ އެވެ. ރައްޔިތުންނަށް މި ޚިދުމަތް ބޭނުންވެފައިވާ މިންވަރު އެނގޭ އެއް ހެއްކަކީ، އޭޓީއެމްތައް މެދުވެރިކޮށް ބޭންކަށް ވަންނަ ފައިސާ އިތުރުވުމެވެ.

"އޭޓީއެމް މެދުވެރިކޮށް ބޭންކަށް ވަންނަމުންދާ ފައިސާ ވެސް އިތުރުވަމުންދާކަން ވެސް ފާހަގަކުރަން. މިއީ ގިނަ ރައްޔިތުން މާލީ ނިޒާމުގައި ބައިވެރިވަމުންދާ ކަމުގެ ހެއްކެއް." ޝަރީފް ވިދާޅުވި އެވެ.

އޭޓީއެމްގެ ޚިދުމަތް ގާއިމުވެގެންދިއުމަކީ ރަށްރަށުގައި ދިރިއުޅޭ އެތައް ބައެއް ކުރި ދިގު އިންތިޒާރެއްގެ ނިމުމެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ އާބާދީއަށް މާލީ މިނިވަންކަން އިހުސާސްކުރެވި، އެތައް ލުއި ފަސޭހަތަކެއް މި ޚިދުމަތްތަކާއެކު ލިބިގެންދެ އެވެ.

ކިޔުންތެރިންގެ ހިޔާލު