ENGLISH
08 ސެޕްޓެމްބަރު 2025
މާޅޮހުގައިވެސް އޭޓީއެމްގެ ޚިދުމަތް ފަށައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި
14 އޯގަސްޓު 2025
|
މާޅޮހުގައިވެސް އޭޓީއެމްގެ ޚިދުމަތް ފަށައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ބ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ މާޅޮހަށް ވަޑައިގެންފަ އެވެ.
އެގޮތުން މާޅޮހުގައިވެސް އޭޓީއެމްގެ ހިދުމަތް ފައްޓަަވަައިދެއްވައި، ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފައްޓަވާފައިވެއެވެ.
އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށްފަހު، އެ ޚިދުމަތް ފެއްޓެވުމުގެ ގޮތުން ރައީސް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފަ އެވެ.
އޭޓީއެމްގެ ޚިދުމަތް ފެށްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ.
މާޅޮހުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
އަދި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
މީގެ އިތުރުން، އެ ރަށުގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، އެމްޓީސީސީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އަދި މާޅޮހު ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މާޅޮހުގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.