ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

14 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން

ބ. ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ އާ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. 

ބިންގާ އަޅައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހްގެ އިތުރުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަމީހު ބައިވެރިވެވަޑައިގަތެވެ. 

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އެގޮތުން ފުލުހުންގެ މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމާއި، ފުލުހުންގެ މަރުކަޒުތައް މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ. ދަރަވަންދޫގައި ނަރުދަމާގެ ނިޒާމް ޚިދުމަތް ރަސްމީކޮށް ފެށުމުގެ އިތުރުން، ސަރުކާރުން ބ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި އުމްރާނީ ވަޞީލަތް ތަރައްޤީކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ފަހު މަންޒިލަކަށް ވަޑައިގެންނެވީ ބ. މާޅޮހަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައި، ބައެއް މަޝްރޫޢުތަކުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި، ކޮންމެ ރަށެއްގެވެސް އިސްވެރީންނާއި ބައްދަލުކުރައްވައި ރަށްރަށުގެ ޙާލަތު އަޑުއައްސަވައި، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު