ENGLISH
08 ސެޕްޓެމްބަރު 2025
ލާމަރުކަޒީ އިސްލާހުތަކުން ލިބޭނީ އިތުރު ބާރުވެރިކަމާއި ފައިދާ!
13 އޯގަސްޓު 2025
|
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ލާމަރުކަޒީ ނިޒާމަށް މި ފަހުން ގެނެވުނު ބަދަލާއި ގުޅޭގޮތުން ހަޤީޤަތް އޮޅުވާާލަން ބަޔަކު ވާހަކަ ދެއްކި ނަމަވެސް އެ ބަދަލުން ލިބޭނީ އިތުރުބާރުވެރިކަމާއި ފައިދާ ކަމުގައި ވިދާޅުވެ އެކަމުގެ ތަފްސީލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަ ކުރައްވައިފި އެވެ.
އެމަނިކުފާނު އެ މޭރުމުން ވާހަކަފުޅު ދެއްކެވީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަންވީ ގޮތް އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނަކީ އެކަމުގެ ފުރިހަމަ ތަޖުރިބާ ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ. އަދި ލާމަރުކަޒީ ނިޒާމަށް ގެންނަވާފައިވާ މުހިންމު ބަދަލުތައް ވަރަށް ރަނގަޅަށް ތަފްސީލު ކޮށް ދެއްވި އެވެ.
ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން މިހާރު އަމަލު ކުރަމުން ގެންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. ޚާއްސަކޮށް ކައުންސިލް ކުންފުނިތަކުން ރަށްރަށުގައި ހިންގާ ކުދިކުދި އަމިއްލަ ވިޔަފާރިތަކަށް ވަނުން ރަނގަޅު ނޫން ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަމުން ކައުންސިލްތަކުގެ މާލީ ކަންކަމަށް ހުރަސް ނޭޅޭނެ ކަމަށެވެ.
“ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން ކުރަން ޖެހޭނީ ކުރެވޭނީ މަދުވެގެން 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓުމަންޓުތަކޭ. 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑިއްޔާ ހަމަ ކޮންމެ ދާއިރާއަކުން ވެސް ލޯކަލް އޮތޯރިޓީ ކޮމްޕެނީން އިންވެސްޓް ކޮށްގެން ވިޔަފާރި ކުރަންވީ،" ރައީސް މިރޭ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ދައުރަކީވެސް ރައްޔިތުން ބާރުވެރި ކުރުވުން ކަމަށެވެ. މި ބަދަލުން ހާސިލުވާ ނަތީޖާއަކީ ކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ މި ބަދަލާއެކު ރައްޔިތުންގެ ކުދި ވިޔަފާރިތައް ހިމާޔަތްވެ ކައުންސިލަށް ވެސް ވިޔަފާރި ކުރުމުގެ މަގު ތަނަވަސް ވެފައިވާ ކަމަށެވެ.
ޤާނޫނަށް ގެނެސްފައިވާ އަނެއް ބަދަލަކީ އާންމު ޚިދުމަތްތައް ދޭ ބިންތަކުން ކުލި ނެގުން ހުއްޓުވުމުގެ އިސްލާހުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިހާރު އޮތް ގޮތުން ފެނާއި ކަރަންޓު ފަދަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކުން ވަރަށް ބޮޑު ކުއްޔެއް ނަގަމުންދާ ކަމަށެވެ.
އެކަމުގެ ސަބަބުން ރައްޔިތުންނަށް ދެމުންދާ އެންމެ އަސާސީ ޚިދުމަތްތަކުގެ އަގު އިންތިހާއަށް ބޮޑުވެގެންދާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ބިންތައް ދޫކުރުމާއި ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ނަމަ ފިނޭންސް މިނިސްޓްރީއާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ބަދަލުކުރީ އުސޫލުގެ ތެރެއިން ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށް ކަމަށެވެ.
އެކަން ކުރަން ޖެހެނީވެސް ހިނގަމުންދާ ދައުރު ނިމެން އަހަރަކަށްވުމުން ކަމަށް ވެސް ވިދާޅުވި އެވެ. ބައެއް ކައުންސިލްތަކުން ސިޔާސީ ބޭނުމަށް އިންތިޚާބާ ދިމާކޮށް ރަށްރަށުގެ ބިންތައް ދޫކޮށް ގިނަ އަދަދަކަށް މުވައްޒިފުން ނަގަމުންދާ ކަމަށާ އެއީ ރައްޔިތުންގެ ޙައްޤުގައި ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް މިރޭވެސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުވުމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި އެމަނިކުފާނުގެ މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވި އެވެ.