ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ދަރަވަންދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ރައީސް ބައްދަލު ކުރައްވައިފި

13 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ދަރަވަންދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ރައީސް ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދަރަވަންދޫ އެއަރޕޯޓަށް މި ވޭތުވެދިޔަ 12 އަހަރު ދުވަހު އެއްވެސް ސަރުކާރަކުން އަޅާނުލާ ކަމަށާއި އެއަރޕޯޓުގެ ހާލަތު ދަށްވަމުންދާތީ މި މައްސަލައަށް ހައްލެއް ހޯދުމާއި ދަރަވަންދޫގައި ޑޮލަރު އޭ.ޓީ.އެމް. އެއް ގާއިމުކޮށްދެއްވުމަށާއި ހަނިފަރު ބަލަހައްޓާ ތަނެއްގެ ގޮތުގައި، ދަރަވަންދޫގައި ބަޔޮސްފިޔަރ ރިޒަރވް އޮފީހެއް ގާއިމުކޮށްދެއްވުން ހިމެނެއެވެ.

މީގެ އިތުރުން ރަށުގެ ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، ރަށުގައި ފްލެޓް އަޅުއްވައިދެއްވުމަށާއި ރަށުގެ ލޭންޑް ޔޫސް ޕްލޭންގައިވެސް އެކަމަށް ސަރަހައްދެއް އެކަށައަޅާފައިވާނެކަން ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ.

ދަރަވަންދޫގެ ގޮނޑުދޮށުން ގިރަމުންދާ ސަރަހައްދުގައި ޖިއޯބޭގް ޖައްސަވައިދެއްވުމަށާއި މޫދަށް އެރެވޭނެ ސަރަހައްދެއްވެސް ގާއިމުކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މެންބަރުން ވަނީ، ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ވަރުގަދަކުރަންޖެހޭކަމުގައި ވިދާޅުވެ، 30 އެނދުގެ ހޮސްޕިޓަލެއް، ސްކޭން ކުރުން ފަދަ ޚިދުމަތްތަކާއެކުގައި ގާއިމުކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގައި ޖާގައިގެ ދަތިކަން އޮތްކަމަށާއި، ދަރަވަންދޫ ކައިރީގައި ޑައިވް ކުރުމުގެ ގިނަ ހަރަކާތްތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި، ރަށުގައި އިކޯ ސެންޓަރެއް ގާއިމުކުރުމުގެ މުހިންމުކަމުގެ އިތުރުން ރަށުގައި ކޮންވެންޝަން ސެންޓަރެއް އަޅުއްވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށު ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމާއި ރަށުގެ މަގުތައް ތަރައްގީ ކުރުމުގެ ބޭނުން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު