ENGLISH
08 ސެޕްޓެމްބަރު 2025
ދޮންފަނަށް ރައީސް ދެއްވީ ހުރިހާ ވަޢުދުފުޅުތަކެއް ފުއްދަވާނެ ކަމުގެ ޔަޤީންކަން
13 އޯގަސްޓު 2025
|
ރައީސް ދޮންފަނުގައި ވާހަކަ ދައްކަވަނީ
ބ. އަތޮޅު ދޮންފަނުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުފުޅުތަކެއް ފުއްދަވާނެ ކަމަށާއި ވެވަޑައިގެންފައިވާ ކޮންމެ ވަޢުދުފުޅަކީ ފުއްދެވުމުގެ އިޚްލާސްތެރި ނިޔަތުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދޮންފަނަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެ ރަށަށް މައިގަނޑު އަށް ވައުދެއް ވެވަޑަައިގެންފައިވާ ކަމަށެވެ. އޭގެ ތެރެއިން ބިން ހިއްކުމާއި ނެރު ބަދަލު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއް މަޝްރޫޢުއެއްގެ ގޮތުގައި މިއަދު އެމްޓީސީސީއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.
އަދި ތައުލީމީ ދާއިރާއިން ދޮންފަނު ސުކޫލަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ހައްލު ކުރެއްވުމަށް ކްލާސް ރޫމްތަކާއި ލައިބްރަރީ އާއި މަލްޓިޕާޕަސް ހޯލާއި ލެބޯޓަރީ އިމާރާތް ކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލު ކުރައްވާފައިވާ ކަމަށެވެ.
އެ ރަށުގައި ހަ ކްލާސް ރޫމް އިމާރާތް ކުރަން ވަނީ ހަމަޖެހިފަ އެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއު ނިމުމުން ތައުލީމީ ކަންކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާ އިން މުހިންމު މަސައްކަތްތަކެއް ޕްލޭން ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ދޮންފަނުގައި ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ފެށިފައި އޮތް ނަމަވެސް އެ މަސައްކަތް ފަށާފައި އޮތީ މުޅި މަސައްކަތް ނިންމޭނެ ގޮތަކަށް ނޫން ކަމަށެވެ.
ނަމަވެސް މި ސަރުކާރުން އެ މަސައްކަތް ކުރާނީ ފެންސް ޖަހާ ލައިޓް ވެސް ޖަހާ ގޮތަށް މުޅި މަަސައްކަތް އެއްކޮށް ނިމޭ ގޮތަށް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ދެން އެ ރަށަށް ކޮށްދެއްވާނެ ކަންކަން ވެސް ރަައީސް ވިދާޅުވި އެެވެ.
* ފުޓްސަލް ދަނޑު އަލުން ހަދައިދިނުން
* ހޭންޑްބޯލް ވެސް ކުޅެވޭ ގޮތަށް ތަރައްޤީ ކުރުން
* ވޮލީ ކޯޓެއް ގާއިމުކުރުން
* ފިޓްނެސް ރިކްރިއޭޝަން ސެންޓަރެއް އިމާރާތް ކުރުން
* އައުޓް ޑޯ ޖިމެއް ގާއިމުކުރުން
މީގެ އިތުރުން ސިއްހީ ދާއިރާއަށް ބޮޑު ބަދަލެއް ގެނެވޭ ގޮތަށް ފެންވަރު ރަނގަޅު އިމާރާތެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އަދި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ. މިހާތަނަށް އެ މަަސައްކަތް ނުފެށި އޮތީ މަސައްކަތު ސައިޓް ހަދާނެ ތަނެއް ނުލިބުމާއި މުވައްޒިފުންގެ ދަތިތަކާއި ހެދި ކަމަށާ ބޭރުން މީހުން ހޯދައިގެން ނަމަވެސް މަޝްރޫއު އަވަހަށް ފެށުމަށް މިހާރު އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ މަޝްރޫއު ނިމުމުން މަގުތައް ހަދަން ފަށާނެ ކަމަށެވެ. މަގުތައް ތަރައްގީ ކުރާނީ ރައްޔިތުން ބޭނުނުވާ ކޮންސެޕްޓެއްގައި ކަމަށްވެސް ވިދާޅުވި އެވެ.