ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ޚިދުމަތްދިން ފުރަތަމަ ބައިނަލްއަޤްވާމީ އެއާލައިނަކަށް އެއާ އަރަބިއާ

13 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އާ ޓާމިނަލުން އެއަރ އަރަބިއާގެ ފަސެންޖަރުންނަށް ހިދުމަތްދެނީ... ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އެއާ އަރަބިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ ޓާމިނަލް 1 އިން ބައިނަލްއަގުވާމީ އެއާލައިނަކަށް ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

އެކަމަށްޓަކައި ޓާމިނަލް 1 ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހުއެވެ.

ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން އަދި އެއާ އަރަބިއާގެ މެނޭޖަރު އެއާޕޯޓްސް – ސައުތް އިންޑިއާ، ބެންފަސް ވެލިޔަތް ޝަމްސުއްދީންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އެއާ އަރަބިއާގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެއާ އަރަބިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާ އަރަބިއާ އިން ފުރި 171 ފަސިންޖަރުންނަށް ވަނީ ހަދިޔާ ބަހައިފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާ އަރަބިއާގެ ފުރަތަމަ ފްލައިޓަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 165 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެއާ އަރަބިއާއަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިނެކެވެ. އެ އެއާލައިނުން ޔޫއޭއީގެ ޝާރްޖާ އާއި މާލެއާ ދެމެދު ކޮންމެ ދުވަހަކުވެސް އެއް ފްލައިޓް ބާއްވައެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން އެ އެއާލައިނުން ދުވާލަކު ދެ ދަތުރު ކުރުމަށް ވަނީ ނިންމައިފައެވެ.

ޓާމިނަލް 1 އަށް އެންމެ ފުރަތަމަ އޮޕަރޭޝަންތައް ބަދަލުކުރީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއެވެ. އަދި ޓާމިނަލް 1 އަށް މި މަހުގެ ތެރޭގައި އިތުރު ހަތް އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު