ENGLISH
08 ސެޕްޓެމްބަރު 2025
ރާއްޖޭގެ އިޖުތިމާއީ ތަނަވަސްކަމާ ގުޅިފައިވާ ޒަކާތު ބިލު ބަލައިގަނެ ކޮމިޓީއަށް
13 އޯގަސްޓު 2025
|
މޯލްޑިވްސް ޒަކާތު ހައުސް އިފްތިތާހު ކުރުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒަކާތް ނެގުމާއި ބެހުމުގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތު ފަންޑުން ހެޔޮގޮތުގައި ހޭދަކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށާއި، ޒަކާތާ ގުޅޭ ހަރުދަނާ ޒަމާނީ ނިޒާމެއް ގާނޫނީ ތަރަހައިގެ ތެރެއިން ރާއްޖޭގައި ގާއިމުކުރުމަށް އެކުލަވައިލި ޒަކާތު ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފިއެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ބަލައިގަނެ ބިލު ދިރާސާކުރުމަށް އިޖްތިމާއީ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތުގެ ގާނޫނު ފާސްވުމުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ލީގަލައިޒް ކުރެވިގެން ދިއުމާއެކު، ރާއްޖޭގެ އިސްލާމީ ތާރީޚުގައި ހެޔޮ ސޮފްހާއެއް ލިޔެވިގެންދާނެ ކަމަށެވެ.
އެ ބިލުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ އެ ބިލު އެކުލަވައިލާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ގައުމުތައް ނަމޫނާއަކަށް ބަލައިގެން މި ބިލު އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން މެލޭޝިޔާއާއި ކުވައިތު، ޔޫއޭއީ އަދި މިސްރު ފަދަ ގައުމުތަކުގައި ވެސް ގާނޫނުގެ ތެރެއިން ޒަކާތުގެ ކަންކަން ހިނގަމުންދާ ކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
މި ބިލު ފާސްވުމުން ދައުލަތަށް ފަސޭހަވެގެންދާނެ ކަމަށާ ޝަރުއީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓްކުރުމަކީ ހުއްދަކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތަށް އިންވެސްޓްކުރުމުން ޒަކާތް ހައްގުވާ ފަރާތްތަކުގެ އެންމެހައި ކަމެއް ވެސް ހިލޭ ފޯރުކޮށްދެވޭނެކަން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ ބޯހިޔާވަހިކަމާއި ބޭސްފަރުވާ އަށް ވެސް މި ބިލާއެކު ފަސޭހަވެގެންދާނެ ކަމަށެވެ. އެގޮތުން ޒަކާތު ފަންޑު ޒަމާނާއި ހާލަތާއި ހާޖަތާ އެއްވަރަށް ތަރައްގީ ވާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ފަގީރުކަން ނައްތާލެވި އިޖްތިމާއީ ތަނަވަސްކަން ގެނެސްދިނުމުގައި މި ބިލު މުހިއްމު ރޯލެއް އަދާކުރާނެ ކަމަށެވެ.