ENGLISH
03 ސެޕްޓެމްބަރު 2025
އިތުރު 34 ފަރާތަކަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކޮށްފި
10 އޯގަސްޓު 2025
|
މަރުކަޒީ ބޭންކު
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލުކުރަމުން އަންނަ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން އަލަށް 34 ފަރާތަކަަށް ބޭރު ފައިސާ ގެނެވިއްކުމުގެ ލައިސެންސް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކޮށްފިއެވެ.
އައު ގާނޫނުގެ ދަށުން ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 34 ފަރާތަކަށް ހުއްދަ ދޫކޮށްފައިވާކަން އެމްއެމްއޭއިން ހާމަަކޮށްފައިވާއިރު، އެ އިދާރާއިން ބުނި ގޮތުގައި މި 34 ފަރާތުގެ ތެރެއިން 29 ފަރާތަކަށް ދޫކުރީ އެއްވަނަ ގިންތީގެ ހުއްދަތަކެވެ. ފަސް ފަރާތަކަށް ދޫކޮށްފައިވަނީ ދެވަނަ ގިންތީގެ ހުއްދައެވެ.
ފުރަތަމަ ގިންތީގެ ހުއްދައަކީ ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމަށް ދޫކުރާ ލައިސެންސެކެވެ. ދެވަނަ ގިންތީގެ ލައިސެންސަކީ ރިސޯޓުތަކަށް ބޭރު ފައިސާ ވިއްކަން ހުއްދަ ދިނުމަށް ދޫކުރާ ލައިސެންސެކެވެ.
މި އަހަރު އަލަަށް އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން އެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްކުރެވޭނީ އަލުން ރަޖިސްްޓްރީކޮށްގެންނެވެ.
އަލަށް 34 ފަރާތަކަަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރިއިރު، ކުރިއްސުރެ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްކުރަމުން އައި 28 ފަރާތަކަށް ބޭރު ގަނެވިއްކުމުގެ ހުއްދަ ދިނުމަށް މަރުކަަޒީ ބޭންކުން ނިންމާފައިވެއެވެ.
މިހާރު އަމަލުކުރާ ގާނޫނުގެ ދަށުން ބޭރު ފައިސާގެ ވިޔަފާރިކުރުމުގައި ޒަމާނީ އުސޫލުތަކަށް އަމަލުކުރުން ލާޒިމުކޮށް، ގިނަ ބަދަލުތަކެއް އެ ދާއިރާއަށް ގެނެސްފައިވެއެވެ. މި ގާނޫނަށް އަމަލުކުރުމުގެ ކުރިން އަމަލުކުރަމުން އައި ބޭރު ފައިސާގެ ގަވާއިދަކީ 1987 ވަނަ އަހަރު އެކުލަވައިލި ގަވާއިދެކެވެ.