ENGLISH
03 ސެޕްޓެމްބަރު 2025
އަންނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވޭ: އެމްއެމްއޭ
09 އޯގަސްޓު 2025
|
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވީއައިއޭގައި
އަަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމުގައި ބެލެވޭކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލަފާކޮށްފިއެވެ.
އެމްއެމްއޭއން ނެރުނު ރިޕޯޓެއްގައި ފާހަގަކުރި ގޮތުގައި މި އަހަރުގެ ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 9.1 އިންސައްތައިން އިތުރުވެފައިވެއެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް 1،108،130 (އެއް މިލިއަން އެއް ލައްކަ އަށްހާސް އެއްސަތޭކަ ތިރީސް) ފަތުރުވެރިން ރާއްޖެެއަށް ޒިޔާރަތްކުރިއެވެ.
ރާއްޖެއަަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުގެ އިތުރަށް ފަތުރުވެރިން ރާއްޖޭގެ ހޭދަކުރި ރޭ ނުވަތަ ބެޑްނައިޓްސްވެސް ނިމުނު އަހަރަށްވުރެ މި އަހަރު އިތުރުވިއެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފަތުރުވެރިން ހޭދަކުރި ރޭގެ އަދަދު އުޅެނީ 6،892،533 (ހަމިލއިަން އަށްލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ ތެއްތިރީސް) ގައި ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ. އެއީ ނިމުނު އަހަރު ފަތުރުވެރިން ހޭދަކުރި ރެއަށްވުރެ 1.2 އިންސައްތަ އިތުރު އަދަދެކެވެ.
މޭ މަހު އެ އޮތޯރިޓީން ތައްޔާރުކުރި އަންދާޒާތަކަށް ބަލާއިރު މި އަހަރުގެ ނިޔަލަަށް ރާއްޖެއަށް އަންނާނެ ކަމުގައި ބެލެވެނީ 2.2 މިލއިަން ފަތުރުވެރިންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ފަސިންޖާ ޓާމިނަލް ހުޅުވައި އެ ޓާމިނަލުން ހިދުމަތް ފަށާފައިވާއިރު، އެކަމުގެ ހެޔޮ އަސަރު އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ ކަމުގައި އެމްއެމްއޭއިން އަންދާޒާކުރެއެވެ. އެގޮތުން އަންނަ އަހަރު ޖުމްލަ 2.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމުގައި އެމްއެމްއޭއިން އަންދާޒާކުރެއެވެ.
މި އަހަރުގެ ފަހު ކުއާޓާގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ ކަމުގައި މަރުކަޒީ ބޭންކުން ލަފާކުރެއެވެ. އަދި ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކަށް ލިބޭ ކުރިއެރުމާއެކު މި އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 4.5 އިންސައްތައާއި 5.6 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމުގައި އެމްއެމްއޭއިން އަންދާޒާކުރެއެވެ.
ވީއައިއޭގެ އައު ޓާމިނަލު އިފުތިތާހުކޮށް ހިދުމަތް ދޭން ފެށުމާއެކު، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމުގައި އެމްއެމްއޭއިން ލަފާކޮށްފައިވާއިރު، ޓާމިނަލުން ހިދުމަތް ދޭން ފެށުމާއެކު މިހާރު ރާއްޖެއަށް ދަތުރުކުރާ އެއާލައިނުތަކުގެ ދަތުރުތައް އިތުރުކޮށް، އައު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމުގައި ބެލެވެއެވެ.