ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ޔޫކޭގައި ޖަލަށްލި މީހާއަށް ދިވެހި ޕާސްޕޯޓެއް ދޫކޮށްފައެއް ނުވޭ: ދާޚިލީ ވުޒާރާ

08 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ޖިންސީގޯނާގެ މައްސަލައެއްގައި ކޯޓުން ހުކުމްކުރި މީހާ

ޖިންސީގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގައި ހުކުމްކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް" ނަމަކަށް ކިޔާ މީހާއަށް ދިވެހި ޕާސްޕޯޓެއް ދޫކޮށްފައި ނުވާ ކަމަށް ދާޚިލީ ސަލާމަތާއި ފަނިއްޔާތާއި ބެހޭ ވުޒާރާ އިން ބުނެފި އެވެ.

ބޭރުގެ ބައެއް ނޫސްތަކުން ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ދިވެއްސެއްގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެ އެވެ. ބައެއް ދިވެހި ނޫސްތަކުން ވެސް ވަނީ އެ ޚަބަރު ގެނެސްދީފަ އެވެ.

އެ މީހާއަށް ކިޔަނީ "ސުންދަރަލިންގަމް ކޫޑަލިންގަމް" އެވެ. މިއީ ދިވެހީންނަށް ކިޔާ އުޅޭ ވައްތަރުގެ ނަމެއް ނޫނެވެ. އެހެން ކަމުން އެ ރިޕޯޓް އޭރުވެސް ދިވެހީންގެ ގިނަ ބަަޔަކު ދޮގުކުރި އެވެ.

އެ ރިޕޯޓްތަކާއި ގުޅިގެން ދާޚިލީ ސަލާމަތާއި ފަނިއްޔާތާއި ބެހޭ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފައިވާ "ސުންދަރލިންގަމް ކޫޑަލިންގަމް" އަކީ ދިވެހިރާއްޖޭގެ ރައްވެހިކަން އޮންނަ ފަރާތެއް ކަމަށް ބުނެ، ބައެއް ނިއުސް މީޑިއާތަކުގައާއި މީސްމީޑިއާގައި ދައުރު ކުރަމުންދަނީ ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެ ވުޒާރާ އިން ބުނި ގޮތުގައި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ރިކޯޑުތަކުގައި، އެ ނަން ކިޔާ ދިވެހި ރައްޔިތަކު ރިކޯޑުކުރެވިފައި ނުވެ އެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނުގެ ރިކޯޑުތަކުގައި ވެސް، އެއްވެސް އިރެއްގައި، އެނަން ކިޔާ ފަރާތަކަށް ދިވެހި ޕޯސްޕޯޓެއް ހައްދާދީފައި ނުވަތަ ދޫކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.

".. އެހެންކަމުން، "ސުންދަރލިންގަމް ކޫޑަލިންގަމް" އަކީ ދިވެހި ރައްޔިތެއް ކަމަށް ލިޔެ، ދައުރުކުރަމުންދާ ޚަބަރަކީ އެއްވެސް އަސްލެއް އެކުލެވިގެންވާ މައުލޫމާތެއް ނޫން," ބަޔާނުގައިވެ އެވެ.

އެ ވުޒާރާ އިން ވަނީ މިފަދަ ކަންކަމުގައި އެކި މަންސަތަކުގައި ޚަބަރު ފަތުރާއިރު، ޞައްހަ މަޢުލޫމާތު ފެތުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު