ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އައްބާސް ހެދީ ބުހުތާނު ދޮގު، ޕީޖީ މެންބަރުން ދެއްވީ ގަދަކޮށް ތިއްބެވި ކަމުގެ ޔަޤީންކަން

08 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން --

ސަރުކާރު ހިންގާ މައި ޕާޓީ -- ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލިމަންޓަރީ ގުރޫޕްގެ ބައްދަލްވުމުގައި ބައެއް މެންބަރުން ސަރުކާރާއި ދެކޮޅަށް ނިކުންނަން ނިންމާފައިވާ ހާމަކުރެއްވި ކަމަށް ބުނެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުޙައްމަދު އައްބާސް ދެއްކީ ބުހުތާނު ދޮގު ވާހަކަތަކެއްކަން ހާމަކޮށް ޕީޖީ ގުރޫޕްގެ މެންބަރުން ތިއްބެވީ ގަދަކޮށް އެ މެންބަރުން ހާމަ ކުރައްވައިފި އެވެ.

ވަރަށް އަވަހަށް ކޮންގްރެސްގެ މެންބަރުންތަކެއް ސަރުކާރާއި ދެކޮޅަށް ނިކުންނާނެ ކަަމަށް ބުނެ ވެލިދޫ ދާއިރާގެ މެންބަރު އައްބާސް ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. މިފަދަ އެތައް ވާހަކަތަކެއް ކުރީން ވެސް އައްބާސް ވަނީ ދައްކާފަ އެވެ. އޭނާ އެގޮތަށް ވާހަކަ ދައްކަން ފެށީ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ބޭނުންވާ ކަންކަން ނުވުމުން ސަރުކާރާއި ދެކޮޅަށް ނިކުންނެވި ހިސާބުންނެވެ.

ޕީޖީ ގުރޫޕް އޮތީ ގަދަކޮށް: މެންބަރު ސިނާން

އައްބާސްގެ ވާހަކަތައް ދޮގުކޮށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ވިދާޅުވީ އައްބާސް ބުނާ ބައްދަލްވުމުގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާ އައްބާސް ހަދާފައިވަނީ ބުހުތާނު ދޮގު ކަަމަށެވެ.

ސިނާން ވިދާޅުވި ގޮތުގައި ޕީއެންސީގެ ކޮންމެ މެންބަރަކަށް ވެސް މެންބަރެއްގެ ވިސްނުން ޕީޖީ ގްރޫޕްގައި ހިއްސާ ކުރެވޭނެ އެވެ. އަދި ވިދާޅުވީ ޕީއެންސީ ޕީޖީ ގުރޫޕްތެރެ ބައިބައިކުރަން ބަޔަކު ޖައްސާ ސްޓަންޓަކަށް ޕުރުސަތެއް ނުދޭނެ ކަމަށެވެ.

"..ވެގެން އުޅަޭގޮތް ވަރަށް ސާފް، ތިޔަ އުޅެނީ މި ބަދަހި ސަފުތަށް ރޫޅާލާނެ ސިޔާސީ ރޭވުންތައް ފުލުފުލުން ފެއިލް ވަމުން ދާތީ ބުހުތާނު ދޮގާ މަކަރާ ހީލަތުން ދިވެހިގަމުގެ ހަމަޖުހުމާ ކުރިމަގު އަމިއްލަ އެދުމަށް ޤުރުބާން ކުރާނެ ގޮތެއް ނުފެނިގެން,"

ސިނާން ވަނީ ޕީއެންސީގެ ޕީޖީ ގުރޫޕުގެ އެންމެހާ ބޭފުޅުން ތިއްބެވީ ގަދަކޮށް ރައީސާއެކު ކަމަށް ވިދާޅުވެފަ އެވެ.

ޕީޖީ އޮތީ ރައްޔިތުންގެ ޙައްޤުގައި ރައީސަށް އެއްބާރުލުންދޭން: މަމްދޫހް

އައްބާސްގެ ވާހަކަތައް ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ވެސް ވަނީ ދޮގު ކުރައްވާގަ އެވެ. މަމްދޫޙް ވެސް ވިދާޅުވީ ދޮގު ވާހަކަތަކަކުން ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕަށާއި ސަރުކާރަށް ލޮލުން އަރުވާލެވޭނެ ކަމަށް ދެކޭނީ މޮޔައިން ކަމަށެވެ.

އަދި ވިދާޅުވީ ކޮންގްރެސް ޕާޓީގެ މުޅި ޕީޖީ ގުރޫޕް ސާބިތުކަމާއެކު އޮތީ ރައްޔިތުންގެ ޙައްޤުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިްއޒު ކުރައްވަމުން ގެންދަވާ އިޚްލާސްތެރި އަދި ބުރަ މަަސައްކަތްޕުޅުތަކަށް ފުރިހަމަ ގޮތުގައި އެއްބާރުލުން ދިނުމަށެވެ. އަދި މުޅި ޕީޖީ ގުރޫޕް އޮތީ ރައީސްގެ ފަހަތްޕުޅުގައި ކަމަށް ވިދާޅުވި އެވެ.

މަމްދޫޙް ވިދާޅުވީ އެ މަސައްކަތުގައި ޕީޖީ ގުރޫޕް ދެމި އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށެވެ.

މަޖިލީސް މެންބަރުކަމަކީ ކޮމެޑީއަކަށް ނުހަދާ: އިމްރާން

އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ފެތުރުމާއި ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ވަނީ އައްބާސް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަދި އެދިވަޑައިގަތީ މަޖިލީސް މެންބަރު ކަމަކީ ކޮމެޑީ އަކަށް ނުހެއްދެވުމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ރައްޔިތުންގެ މަޖިލީސްގެ މެންބަރު ކަމުގެ ޒިންމާ ނަންގަވައިގެން ހުންނެވި ފަރާތަކުން މިފަދަ ޒިންމާދާރުކަން ކުޑަ ދޮގު ޚަބަރުތައް ފެތުރުމަކީ ވަރަށް ޒިންމާދާރު ކަމެއް ނެތް ލަދުވެތި ކަމެއް ކަމަށެވެ.

ޕޯސްޓަކުން ބައިބައިވާ ވަރަށް ވުރެ ކޮންގްރެސް މާ ބަދަހި: އަޝްރަފް

އައްބާސްގެ ވާހަކަތައް ދޮގު ކުރައްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވެސް އެކްސް ގައި ޕޯސްޓެއް ކުރައްވާފަ އެވެ. މެންބަރު އަޝްރަފް ވެސް ވިދާޅުވީ އޭނާ ވެސް އެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

"މިއީ ކަނޑައެޅިގެން ހަދާފައިވާ ބޮޑު ދޮގެއް," އައްބާސްގެ ވާހަކަތައް ދޮގު ކުރައްވާ އަޝްރަފް ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި މީހަކު މިގޮތަށް މީޑިއާގައި ޖަހާލާ ޕޯސްޓަކުން ބައިބައިވާ ވަރަށް ވުރެ ޕީއެންސީގެ ޕީޖީ ގުރޫޕްގެ މެންބަރުން ތިއްބެވީ މާ ބަދަހިކޮށް ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތު ކޮށެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އިތުރުން ޕީޖީ ގުރޫޕްގެ ނާއިބު ލީޑަރު އިބްރާހިމް ޝުޖާއު ވެސް ވަނީ އައްބާސްގެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އެ ބޭފުޅުން ވެސް ވިދާޅުވީ އެފަަަދަ ދޮގު ވާހަކަތަކުން ބައިބައި ނުކުރެވޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު