ENGLISH
09 ސެޕްޓެމްބަރު 2025
ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ އާބާދީތަކުގެ ހުރިހާ ރައްޔިތުންނަށް އިނާޔަތް ދިނުމަށް ޚިޔާލުހޯދަނީ
08 އޯގަސްޓު 2025
|
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތު. - ފޮޓޯ: ރައީސް އޮފީސް
ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ޚާއްސަ އިނާޔަތެއް ދިނުމަށް އާންމުންގެ ޚިޔާލު ހޯދުމަށް ދިރާސާއެއް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މި ދާރާގެ މަގްސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުރައްކާތަކަށް މުޖުތަމައު ހޭލުންތެރިކުރުވުމާއި ދުންފަތާ ގުޅޭ ކަންކަން ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާމެދު އާންމުން ދެކޭގޮތާއި، ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރުމަށް ފެންނަ ކަންތައްތައް ދެނެގަތުން ކަމަށެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން އެއްްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ހުރިހާ ރައްޔިތުންނަށް އިނާޔަތެއް ދިނުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ވެސް މި ދިރާސާގެ މަގްސަދެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މި ދިރާސާގައި ބައިވެރިވާ އެއްވެސް ފަރާތެއްގެ މައުލޫމާތު ހާމަނުކުރާނެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ދިރާސާގައި ލިބޭ މައުލޫމާތުތައް ބޭނުން ކުރާނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އެކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައި ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް މާލީ އިނާޔަތެއް ދޭން ނިންމައި އެކަމާ ގުޅޭ ދިރާސާއެއް ހެދުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންގެވީ ފާއިތުވި ޖޫން މަހުގައެވެ.
އެމަނިކުފާން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
މި ސަރުކާރުން ގެންދަނީ ދުންފަތާ ދުރުހެލި މުޖްތަމައެއް ބިނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިވެހި ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކޮށް، ދުންފަތާއި ދުރު މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ހަރުދަނާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައީސް އަށް ޚާއްޞަ އެވޯޑެއް ވަނީ އަރުވައިފައެވެ.
ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުން ހިމެނެއެވެ. ދުންފަތުން ލިބޭ ގެންލުންތަކަށް ހޭލުންތެރިކޮށް އެކަން ހުއްޓާލުމަށް އެހީތެރިވެދޭނެ ހިލޭ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ވަނީ ގާއިމުކުރެވިފައެވެ.
މީގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި މުހިންމު އިޞްލާޙުތައް ރައީސް ތަޞްދީޤުކުރެއްވުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ، 21 އަހަރަށް މަތިކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުން ވެސް ހިމެނެއެވެ.