ENGLISH

07 އޯގަސްޓު 2025

Advertisement

ޔޫކޭ ކޯޓަކުން ޖަލު ހުކުމެއް އިއްވީ ދިވެއްސަކަށް ކަމަށް ބުނެ ފަތުރަނީ ދޮގެއް

07 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ސުންދަރަލިންގަމް ކޫޑަލިންގަމް

ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކުރީ ދިވެއްސަކަށް ބުނެ ފަތުރަމުންދާ ވާހަކަތައް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ބޭރުގެ ބައެއް ނޫސްތަކުން ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ދިވެއްސެއްގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެ އެވެ. ބައެއް ދިވެހި ނޫސްތަކުން ވެސް ވަނީ އެ ޚަބަރު ގެނެސްދީފަ އެވެ.

އެ މީހާއަށް ކިޔަނީ "ސުންދަރަލިންގަމް ކޫޑަލިންގަމް" އެވެ. މިއީ ދިވެހީންނަށް ކިޔާ އުޅޭ ވައްތަރުގެ ނަމެއް ނޫނެވެ. އެހެން ކަމުން އެ ރިޕޯޓް އޭރުވެސް ދިވެހީންގެ ގިނަ ބަަޔަކު ދޮގުކުރި އެވެ.

އެ ރިޕޯޓްތަކާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ބުނާ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ޚަބަރުފެތުރި ނަމަވެސް މި މައްސަލައާ ގުޅިގެން ލަންޑަންގެ ކޯޓަކުން ހުކުމްކޮށްފައިވާ މި މީހާ އަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑްކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

އިމިގްރޭޝަނުން ވަނީ މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގައިދާނެ ފަދަ މައުލޫމާތު ނުފެތުރުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު