ENGLISH
07 އޯގަސްޓު 2025
މީޑިއާތަކަށް ފަހި ފުރުސަތެއް، "ގައުމީ ނިއުސް އެޖެންސީ" އެއް އުފައްދަނީ
07 އޯގަސްޓު 2025
|
"ގައުމީ ނިއުސް އެޖެންސީ" އެއް އުފައްދަން ނިންމުން --
"ގައުމީ ނިއުސް އެޖެންސީ" އެއް އުފެއްދުމަށްޓަކައި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި ޕަބްލިކް ސާރވިސް މީޑިއާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.
މި ފަހުމުނާމާގެ ދަށުން ގާއިމް ކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެ ވުޒާރާ އިން ބުނެ އެވެ.
މި ޚިދުމަތަކީ، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ޚަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ޚިދުމަތެކެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ދެވޭ ޙިދުމަތް ފޯރުކޮށްދެވޭނީ ވުޒާރައިގެ ބައިވެރިވުން އޮންނަ ގޮތަށް ކަމަށް ވެސް ބުންޏެވެ.
ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅު ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތުކަން އެ ވުޒާރާ އިން ވަނީ ފާހަގަކޮށްފަ އެވެ.