ENGLISH
07 އޯގަސްޓު 2025
ޑްރަގާ ބަނގުރާ ވިޔަފާރީގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރު ކޮށްފި
07 އޯގަސްޓު 2025
|
މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން --
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރުމާ އަދި ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ލ. ގަން / ތުނޑި. ފައިވްސްޓަރ، ޢަލީ ޝާމް (29އ) އާއި ހއ. ހޯރަފުށި / މީރަންގެ، ޢަލީ އަޢުފާން (20އ) އެވެ.
އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އޮގަސްޓު 6 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ޓޯވކޮށް އަދި އެ ސައިކަލާއި މާލޭގައި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް (17.06ގ) އާއި ބަނގުރާ ކަމަށް ބެލެވޭ އެޗެއްހުރި 500 އެމްއެލްގެ 18 ފުޅިއާއި 5 ލީޓަރުގެ ފުޅިއެއްގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.