ENGLISH

07 އޯގަސްޓު 2025

Advertisement

ރުފިޔާގެ އަގު ހިފަހައްޓަން ފިޔަވަޅުތަކެއް؛ ބާޒާރަށް ނެރޭ ޑޮލަރު އިތުރުކޮށް، ނިޒާމުގައި އިތުރުވި ރުފިޔާ ނަގަނީ

07 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މަރުކަޒީ ބޭންކުގެ ގަވަނަރު އަހްމަދު މުނައްވަރު

މާލީ ނިޒާމުގައި ދިވެހި ރުފިޔާ އިތުރުވެ ޑޮލަރު މަދުވުމުގެ ސަބަބުން ރުފިޔާގެ އަގު ވެއްޓުނަނުދީ ހިފަހެއްޓުމަށް މަރުކަަަޒީ ބޭންކުން މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހާމަކޮށްފިއެވެ. 

އެ އޮތޯރިޓީން ހާމަކުރި ގޮތުގައި ދިވެހި ރުފިޔާގެ އެކްސްޗޭންޖު ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެޅި އެންމެ މުހިއްމު ފިޔަވަޅަކީ ބޭރު ފައިސާއަށް އޮންނަ ޑިމާންޑާއި ސަޕްލައިގެ ފަރަގު ކުޑަކުރުމަށް ބޭންކިން ނިޒާމަށް ޑޮލަރު ވަންނަ މިންވަރު އިތުރުކުރުމަށް ބޭރު ފައިސާއާ ބެހޭ ގަވާއިދެއް އަދި އޭގެ ފަހުން ބޭރު ފައިސާއާބެހޭ ގާނޫނެއް އެކުލަވައިލުމެވެ. 

އެ ގާނޫނަށް އަމަލުކުރަން ފެށުމުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ވަންނަ ހުރިހާ ބޭރު ފައިސާއެއް ބޭންކުތަކަށް ޖަމާކުރުން ލާޒިމުވެއެވެ. އެއާއެކު ދިވެހި ރުފިޔާއިން ބޭންކުތަކަށްކުރާ ޑިޕޮސިޓުތަކާއި ބޭރު ފައިސާގެ ޑިޕޮސިޓުތަކުގެ ފަރަގު ކުޑަވާނެއެވެ. އޭގެ އިތުރަށް އެ އާމްދަނީގެ ވަކި ނިސްބަތެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފައިވެއެވެ. 

މިގޮތަށް ބޭންކުތަކަށް ވިއްކާ ފައިސާގެ 60 އިންސައްތަ ބޭންކުތަކުން ވިއްކަނީ އެމްއެމްއޭއަށެވެ. އެމްއެމްއޭއިން ބުނީ އެގޮތަށް އެ ބޭންކަށް ވިއްކާ ފައިސާގެ 30 އިންސައްތަ އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު އެމްއެމްއޭއިން ވިއްކަމުންދާ ކަމަަށެވެ. 

"މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމެވެ. މި އުސޫލުގެ ދަށުން ޖޫން އަދި ޖުލައި މަހު ޖުމްލަ 23.3 މިލިއަން އެމެރިކާ ޑޮލަރު އެމްއެމްއޭ އިން ވަނީ ބޭންކުތަކަށް ވިއްކާފައެވެ.،" އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

ބާޒާރަށް ނެރޭ ޑޮލަރު އިތުރުކުރުމަށް ބޭންކުތަކަށް ކޮންމެ ހަފުތާއަކު ވިއްކާ ޑޮލަރުގެ އިތުރަށް، ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ނުވަތަ ބޭރު ފައިސާގެ ބާޒާަރަށް ތަދައްހުލުވުމުގެ ސިޔާސަތުގެ ތެރެއިން ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކާއި ފަރުދުންނަށް ވިއްކާ ޑޮލަރުވެސް އެމްއެމްއޭއިން އިތުރުކޮށްފައިވެއެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކާއި ފަރުދުންނަށް ވިއްކި ޑޮލަރުގެ ނިސްބަތްވަނީ ނިމުނު އަހަރުގެ އެ މުއްދަތުގައި ވިއްކި މިންވަރަށްވުރެ 23 އިންސައްތަ އިތުރުވެފައެވެ. 

ސަޕްލައި އިތުރުކޮށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުކުރުމަށް އެޅި އަނެއް ފިޔަވަޅަކީ ބޭންކުތަކުން މަރުކަަޒީ ބޭންކުގައި ބަހައްޓަންޖެހޭ ބޭރު ފައިސާގެ ރިޒާވް ނުވަތަ މިނިމަމް ރިޒަރވް ރިކުއަމެންޓް ދަށްކުރުމެވެ. ނިމުނު އަހަރު 10 އިންސައްތައިން 7.5 އިންސައްތައަށް ދަށްކުރި ރިޒާވް ރިކުއަމެންޓް މި އަހަރުގެ ޖުލައި 24 ވަނަ ދުވަހުން ފެށިގެން 5 އިންސައްތައަށްވަނީ ދަށްކޮށްފައެވެ. މިކަމުގެ ސަބަބުން ބޭންކުތަަކަށް ލޯނު ދޫކުރަން 45 މިލިއަނެއްހައި ޑޮލަރު ވަގުތުން ލިބޭނެއެވެ. 

ބޭރު ފައިސާގެ ސަޕްލައި އިތުރުކުރުމުގެ އިތުރަށް އިގުތިސާދުގައި ދައުރުވާ ދިވެހި ރުފިޔާ މަދުކުރުމަށްވެސް އެމްއެމްއޭއިން ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަނުގެ ދަށން ރިވަރސް ރިޕަޗޭސް އޮޕަރޭޝަނެއް 23 ޖުލައި 2025 ގައި ފެށިއެވެ. އެއީ އިގުތިސާދުގައި ދައުރުވާ ދިވެހި ރުފިޔާ ގަތުމަށް އެމްއެމްއޭއިން ހިންގާ އޮޕަރޭޝަނެކެވެ. މި މަސައްކަތުގެ ތެރެއިން ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި 2.1 ބިލިއަން ރުފިޔާ އެމްއެމްއޭއަށް ނަގާފައިވެއެވެ. 

މީގެ އިތުރަށް އިންޑިޔާއާއި ޗައިނާ ފަދަ ގައުމުތަކާއެކު ކުރާ ވިޔަފާރި މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއާއި އެ ގައުމުތަކުގެ ފައިސާ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްއެމްއޭއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިންޑިޔާއާއެކު ކަރަންސީ ސެޓްލްމެންޓު އެއްބަސްވުމެއް ހެދުމުގެ މަސައްކަތަށެވެ. 

ކިޔުންތެރިންގެ ހިޔާލު