ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ޒިންމާދާރުކަމާ އެކު ބޭނުންކުރާނަމަ، ނިޒާމަށް އިތުބާރު ބޮޑުވާނެ: ވަޒީރު

07 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް

ލޯކަލް ކައުންސިލްތަކުން މާލީ ބާރުވެރިކަން ޒިންމާދާރުކަމާއެކު ބޭނުންކުރާ ނަމަ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، އެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިގޮތަށް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އިސްލާހުގެ ބިލާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. އިދިކޮޅުގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވެފައިވަނީ، ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރީގެ ތެރެއަށް ކައުންސިލުތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ނުވަދެވޭ ގޮތަށް އޮތް އިސްލާހާ މެދު އެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގައި ވަނީ ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭގެ އިރުޝާދުތަކާއި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް ދާއިމީ ނުވަތަ ކޮންޓްރެކްޓު މުވައްޒަފުން ވަޒީފާއަށް ނުނެގޭނެ ކަމުގައި ހިމަނާފަ އެވެ.

ވަޒީރު 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވެ ފާހަގަކުރެއްވީ:

  • ކައުންސިލްތަކަށް ފަޅުރަށްތައް ސަރުކާރުން ދެމުންދާކަން
  • ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅުއްވާގޮތަަށް ކަންކަން ނިންމައިދޭކަން
  •  މަޝްރޫޢުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެންނަމުންދާކަން
  • ވީރާނާ ވެފައިހުރި 105 ކައުންސިލް އިދާރާ، އިމާރާތްކުުރަމުންދާކަން

މިކަންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާ އެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ.

ގާނޫނަށް ގެނެވުނު އިސްލާހުގައި ކައުންސިލުތަކުން ހަރަދުކުރުމުގައި ޒިންމާދާރު ކުރުވުމަށްޓަކައި ފާސްކޮށްފައިވަނީ ކައުންސިލުތަކުގެ އެކައުންޓުތައް ބެލެހެއްޓުމުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކަަށް އަމަލުކުރުން ބިލުގައި ލާޒިމުކުރުމަށެވެ. އަދި އެ އިސްލާހުގެ ދަށުން ފިނޭންސް މިނިސްޓްރީން އެދިއްޖެނަމަ ކައުންސިލުގެ ބޭންކު ސްޓޭޓުމެންޓް ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުން ލާޒިމުކުރެއެވެ. 

މި ފިޔަަވަޅާއެކު ކައުންސިލުގެ އެކައުންޓުތަކުން ފައިސާ ގެއްލުމާއި، ފައިސާ ނުބެލެހެއްޓި ވީނުވީއެއް ނޭނގުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ. އަދި ވަކި އުސޫލެއްގެ ތެރެއިން ހަރުދަނާ ގޮތެއްގައި ކައުންސިލުގެ ފައިސާ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު