ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ފުރަތަމަ ހަތް މަހު އެސްޑީއެފްއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފި

07 އޯގަސްޓު 2025

|

ޢަލީ ޝަހީމް

މިއަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު ބިލިއަނަކަށް ވުރެ ގިނަކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާއްމުކުރާ މާލީ ހިސާބު ރިޕޯޓުން ދައްކައިފިއެވެ. 

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި މާލީ ހިސާބަށް ބަލާއިރު، މިދިޔަ ޖުލައި މަސް ނިމުނުއިރު އެސްޑީއެފްއަށް ވަނީ 1.18 ބިލިއަން ރުފިޔާ ޖަމާކޮށްފައެވެ. މިދިޔަ އަހަރު ފުރަތަމަ ހަތް މަސް ދުވަސް ނިމުނުއިރު އެސްޑީއެފްއަށް ޖަމާކޮށްފައިވަނީ 783.8 މިލިއަން ރުފިޔާއެވެ. 

ސަރުކާރުން އަންނަނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި، ދަރަނި ދެއްކުމުގައި ބޮޑު ހޭދައެއް މިއަހަރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން އެނގޭ ގޮތުގައި ދަރަނި ދެއްކުމަށް މިއަހަރު ވެސް 3.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދަރަނި ދެއްކުމަށް ބޮޑު ހޭދައެއް ކުރުމަށްފަހުގައި ވެސް ބަޖެޓު ވަނީ އަރަނީގައި ހިފަހައްޓައިފައެވެ. 

ޖުލައި މަސް ނިމުނުއިރު ދައުލަތުގެ ހަރަދުތައް ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާބަލާއިރު 17.4 އިންސައްތަ ދަށްކޮށްފައެވެ. އަދި، ދައުލަތުގެ ޖުމްލަ ބެލެންސް 314.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓާފައިވެއެވެ. 

ވަކި މުއްދަތުތަކުގައި އަދާކުރަންޖެހޭ ދަރަނި އަދާކުރުމާއެކު، ރާއްޖޭގެ ކްރެޑިޓު ރޭޓިން އެއް ހަމައެއްގައި ހިފަހައްޓައި ދަތި ވަގުތުތަކުގައި ދަރަނި އަދާކުރުން ފަސޭހަކޮށް، މުއައްސަސީ ފެންވަރެއްގައި ފައިސާ ރައްކާކުރެވޭނެ އަދި ޖީލުތަކުގެ މެދުގައި އަދަލުވެރިކަން ގާއިމުކުރުމުގެ ބޭނުމުގައި ރައީސް އޮފީހުން މި ފަންޑު ގާއިމުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 31 ވަަނަ ދުވަހުއެވެ. 

މިނިސްޓްރީން ކަސްޓޯޑިއަލް އެކައުންޓެއް ހުޅުވައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ގާއިމުކުރީ 2017 ވަނަ އަހަރުއެވެ. 

ކިޔުންތެރިންގެ ހިޔާލު