ENGLISH
09 ސެޕްޓެމްބަރު 2025
ޓެކުހާ ގުޅޭ ޖޫރިމަނާތައް ބޮޑުކޮށް ޖަލު ހުކުމް އަންނަ ގޮތަށް ހުށަހެޅި އިސްލާހުގެ ބިލު ކޮމިޓީއަށް
06 އޯގަސްޓު 2025
|
ރައްޔިތުންގެ މަޖިލީސް - ފޮޓޯ: މަޖިލިސް
ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ހޯދުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ބާރުތައް ފުޅާކޮށް، ޓެކުހާ ގުޅޭ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ހަރުކަށިކުރުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ބުދަ ދުވަހުގެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި ބިލެކެވެ. މި ބިލު ހުށަހަޅާފައިވަނީ، ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ހުށަހަޅާންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތުން ދައްކަން ޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚުތިޔާރު މީރާއަށް ދިނުމަށާއި މީރާގެ ބާރުތައް މުރާޖާކޮށް، ޓެކުހާ ގުޅޭ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ބޮޑުކުރުމަށެވެ.
އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ދެއްކުމުން ގަސްތުގައި ރެކުމުގެ ނިޔަތުގައި ނުވަތަ އެކަން ކުރުމަށް އެހީތެރިވެދިނުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ވަނީ، 3 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމުގެ ބަދަލުގައި 3 މަސް ދުވަހާއި 2 އަހަރު ދުވަހާ ދެމެދުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ބޮޑުކޮށްފައެވެ.
މި ބިލުގައި ޓެކްސް ބަޔާން ހުށަނޭޅުމާއި މަޢުލޫމާތު ހުށަނޭޅުމުގެ ކުށްތަކަށް ކަނޑައަޅާފައިވާ ޖިނާއީ އަދަބުވެސް ވަނީ ބޮޑުކުރަން ހުށަހަޅާފަ އެވެ. ގާނޫނުގައި އޮންނަ ގޮތުން ނަމަ އެފަދަ ކުށްތަކަށް ކަނޑައަޅާފައިވަނީ 1 މަސް ދުވަހާއި 6 މަސް ދުވަހާއި ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމުގެ އަދަބެވެ. ބިލުގައި ވަނީ 250،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު 1 މަސް ދުވަހާއި 6 މަސް ދުވަހާ ހަމަޔަށް ޖަލު ހުކުމެއް އަންނަ ގޮތަށް ހުށަހަޅާފައެވެ.
ދައްކަންވާ ދުވަހަށް ޓެކްސް ނުދެއްކުމުގެ ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ޓެކްސް ނުދައްކާ ފަރާތުން ޓެކްސް ދައްކަން ޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދުގެ 0.05% އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު ބިލުގައި ވަނީ ޖޫރިމަނާގެ އަދަދު 0.1% އަށް އިތުރުކުރުމަށް ހުށަހަޅާފައެވެ.
ޓެކްސް ހޯދުމަށްޓަކައި މީރާއަށް މިހާރު ގާނޫނުން ލިބިދޭ ބާރުތައް ފުޅާކުރުމަށް ހުށަހަޅާފައިވާއިރު ކޮމިޝަނާ އޮފދް ޓެކްސޭޝަން އަށް ލިބިދީފައިވާ ބާރުތައް ވެސް ވަނީ އިތުރަށް ތަފްސީލުކޮށްފައެވެ.