ENGLISH
09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
06 އޯގަސްޓު 2025
|
ހދ. ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ އުމުރުން 67 އަހަރުގެ، ހދ. ކުޅުދުއްފުށި، ޖިފުޑި، ޙަސަން މޫސާ ކަމަށެވެ.
ހަސަން މޫސާ ދިރިއުޅޭ ގެއިން ނުކުމެގެން ދުވަން ދިޔައީ ފަތިހު ފަހެއް ޖަހާކަށް ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެފަހުން އޭނާ ހަބަރެއް ނުވެގެން އާއިލާއިން ވަނީ މިއަދު 10:30 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.
ފުލުހުން ބުނީ ހަސަން މޫސާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގެ ފާހާނާ ތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ޙަސަން މޫސާ މަރުވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
"ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމާއި، މީހާގެ ބޭރުފުޅުން އެއްވެސް އަނިޔާއެއް ފެންނަ ނެތްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވޭ" ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވެއެވެ.
ޙަސަން މޫސާ ނިޔާވެފައި އޮއްވައި ފެނުނު މައްސަލަ ފުލުުހުން ގެންދަނީ ތަޙްޤީގުކުރަމުންނެވެ.
ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުންދިޔަ މީހަކު ނިޔާވެފައި އޮއްވާ ފެނުނުއިރު، ރޭ ހިނގި އެކްސިޑެންޓެއްގައި ފުވައްމުލަކުގެ އުމުރުން 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ.
ފުވައްމުލަކު އެކްސިޑެންޓް ހިނގާފައި ވަނީ މެންދަމު 2:40 ހާއިރު އެވެ. އެކްސިޑެންޓްވީ ފުވައްމުލަކު ފުނާޑު، ހުސްނުހީނާ މަގުން ދުއްވާފައިދިޔަ ސައިކަލެެއް ފާރެއްގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެ ސަރަޙައްދުގައި ހުރި މަގުބައްތި ހޮޅިދަނޑީގައި ޖެހިގެންނެވެ.
ސައިކަލު ދުއްވަން އިނީ ނިޔާވި 17 އަހަރުގެ ކުއްޖާއެވެ.
އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނީ ނިޔާވީ މެންދަމު 3:38 ހާއިރު އެވެ.