ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ޓެކުހާ ގުޅޭ ޖޫރިމަނާ ބޮޑުކުރުން މައްސަލައަކަށް ވާނީ ޓެކުހަށް މަކަރު ހަދާ މީހުންނަށް: ސަލީމް

06 އޯގަސްޓު 2025

|

ޝާމަ ޝުޢައިބު

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް - ފޮޓޯ: މަޖިލިސް

ޓެކުހާ ގުޅޭ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ހަރުކަށިކުރުމާ ދެކޮޅަށް ވާހަކަދައްކާ މީހުންނަކީ ޓެކްސް ނުދައްކާ އެކަމަށް މަކަރުހަދާ މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މި ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށެވެ. 

"މި ބިލު މުހިއްމުވާ ސަބަބަކީ ދައުލަތަށް ލިބެންވާ ފައިސާގެ ވަރަށް ބޮޑު ބައެއް ޓެކްސްގެ ތެރެއިން ހުންނަނީ ދައުލަތަށް ނުލިބި. މިހާރުވެސް އަޅުގަނޑު ލަފާކުރާގޮތުން ޓެކްސްގެ ފައިސާއިން 15 ވަރަކަށް ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބައޮތް. ދައްކާ މީހުން ދައްކާ. " - ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް

މެންބަރު ވިދާޅުވީ ޓެކުހަށް މަކަރުހަދާ މީހުންގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ ވަރަށް ބޮޑުތަނުން އުނިވެގެން ދާ ކަމަށެވެ. ޚާއްސަކޮށް މިއީ ދައުލަތުގެ އާމްދަނީއާ ވެސް ގުޅިފައިވާ ކަމަކަށް ވާއިރު މިފަދަ ކަންކަމަކަށް ފަރުވާކުޑަކޮށް ނުވަތަ މަކަރު ހެދުމުގެ ސަބަބުން ގެއްލުން ލިބެނީ ވެސް ހަމަ ދިވެހި ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

ސަލީމް ވިދާލުވީ ކުރިއަށް އޮތް އަހަރުތަކަކީ ދައުލަތުން ދަރަނި ދެއްކުމުގައި ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ އުނދަގޫ އަހަރުތަކަކަށް ވާއިރު ދައުލަތަށް ކޮންމެހެން ލިބެންޖެހޭ ފައިސާ ނުލިބޭނަމަ އެ ދަރަނިތައް ދައްކާނެ ގޮތެއް ނޯންނާނެ ކަމަށެވެ. 

"އެހެންވީމަ ދައުލަތަށް ލިބެންވާ އާމްދަނީ އިތުރުނުވާނަމަ އަޅުގަނޑުމެން އަދި ޚާއްސަކޮށް މިދުވަސްވަރު ދަރަނިތައް ދައްކަން ޖެހިފައިވާއިރު ދައުލަތަށް ލިބެންޖެހޭ ޓެކްސް ނުލިބޭނަމަ ކޮންތަނަކުން ލާރި ނަގައިންތޯ އަޅުގަނޑުމެން މި ދަރަނިތައް ދައްކާނީ. " - ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް

އިތުރަށް ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ޓެކްސް ނަގަނީ ރާއްޖެއަށް ފެތޭ މިންވަރެއްގައި ކަމަށެވެ. އަދި މިހާރު ނަގަމުންދާ ޓެކްސްގެ މިންގަނޑުތަކަކީ ބޮޑު އެއްޗެއް ނޫން ކަމަށާ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވިޔަފާރިތަކުން 50 އިންސައްތައާ ހަމައަށް ވެސް ޓެކްސް ނަގާ ކަމަށެވެ. އެހެން ކަމުން ހަގީގަތަކީ ރާއްޖެއިން ޓެކްސް ނަގާ މިންވަރު ބޮޑު ނޫން ކަމަށެވެ.

މިކަން މައްސަލައަކަށް ވެގެން މިއުޅެނީ ޓެކުހަށް މަކަރު ހަދާ މީހުންކަމަށާ އެ މީހުންނަށް މިފަދަ ބިލުތަކަކީ ކަންބޮޑުވާ ބިލުތަކަކަށް ވެދާނެ ކަމަށް ވިދާލުވެ މެންބަރު ވިދާޅުވީ ޓެކްސް ގަވާއިދުން ދައްކާ ފަރާތްތަކަށް މިފަދަ ބިލުތަކަކީ ނުވަތަ ގާނޫނަށް ގެނެވޭ މިފަދަ އިސްލާހުތަކަކީ މައްސަލައަކަށް ނުވާނެ ކަމަށެވެ. 

ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލު ހުށަހަޅާފައިވަނީ، ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ހުށަހަޅާންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތުން ދައްކަން ޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚުތިޔާރު މީރާއަށް ދިނުމަށާއި މީރާގެ ބާރުތައް މުރާޖާކޮށް، ޓެކުހާ ގުޅޭ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ބޮޑުކުރުމަށެވެ. 

އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ދެއްކުމުން ގަސްތުގައި ރެކުމުގެ ނިޔަތުގައި ނުވަތަ އެކަން ކުރުމަށް އެހީތެރިވެދިނުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ވަނީ،  3 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމުގެ ބަދަލުގައި 3 މަސް ދުވަހާއި 2 އަހަރު ދުވަހާ ދެމެދުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ބޮޑުކޮށްފައެވެ.

މި ބިލުގައި ޓެކްސް ބަޔާން ހުށަނޭޅުމާއި މަޢުލޫމާތު ހުށަނޭޅުމުގެ ކުށްތަކަށް ކަނޑައަޅާފައިވާ ޖިނާއީ އަދަބުވެސް ވަނީ ބޮޑުކުރަން ހުށަހަޅާފައެވެ. ގާނޫނުގައި އޮންނަ ގޮތުން ނަމަ އެފަދަ ކުށްތަކަށް ކަނޑައަޅާފައިވަނީ 1 މަސް ދުވަހާއި 6 މަސް ދުވަހާއި ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމުގެ އަދަބެވެ. ބިލުގައި ވަނީ 250،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު 1 މަސް ދުވަހާއި 6 މަސް ދުވަހާ ހަމަޔަށް ޖަލު ހުކުމެއް އަންނަ ގޮތަށް ހުށަހަޅާފައެވެ.

ޓެކްސް ހޯދުމަށްޓަކައި މީރާއަށް މިހާރު ގާނޫނުން ލިބިދޭ ބާރުތައް ފުޅާކުރުމަށް ހުށަހަޅާފައިވާއިރު ކޮމިޝަނާ އޮފދް ޓެކްސޭޝަން އަށް ލިބިދީފައިވާ ބާރުތައް ވެސް ވަނީ އިތުރަށް ތަފްސީލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު