ENGLISH
07 އޯގަސްޓު 2025
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރަށް ޖަހައިދޭން ފަށައިފި
05 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ލަންކާގެ ރައީސް ޑިސެނަޔަކަ. -- . ފޮޓޯ: ރައީސް އޮފީސް
ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ (ސްރީލަންކާ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް) އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމާ އެކަން ތަންފީޒު ކުރަން ފަށައިފި އެވެ.
މި ނިންމުން ނިންމިކަން އިއުލާނުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނައިކަ ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނީ މި މަހުން ފެށިގެން އެ ނިންމުން ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.
ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާއަށް ދަތުރުކުރާ ޤައުމަކަށްވާތީ، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް، ވަކިން ޚާއްޞަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ. ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާޠިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެހެން ކަމުން ސްރީލަންކާގައި ދިރިއުޅޭ އެންމެހައި ދިވެހިން މި މުހިންމު ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ފޮރިން މިނިސްޓްރީގެ އިލްތިމާސެއް ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.