ENGLISH
06 އޯގަސްޓު 2025
ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރާނީ މި ސަރުކާރުން: މެމްބަރުން
05 އޯގަސްޓު 2025
|
ފެނާއި ނަރުދަމާގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރާނީ މި ސަރުކާރުން ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހެޅުއްވި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ. އެ ބަހުސްގައި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި އެ ޚިދުމަތް ފުޅާކޮށް ނިންމޭނެ ކަމެވެ.
މިހާރު އެ ގާނޫނުގައި އިސްލާހުކުރަން ހުށަހަޅާފައިވަނީ ނިމުނު އެމްޑީޕީގެ ސަރުކާރުން މުޅި ރާއްޖޭގައި ފެނާ ނަރުދަމާގެ ޚިދުމަތް 2025 ވަނަ އަހަރަށް ނިންމާލަން ކަނޑައެޅި ތާރީހު 2027 އަށް ދަންމާލުމަށެވެ.
އެކަމަށް ރިއާޔަތްކުރައްވަމުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހުގެ ވާހަކައިގައި ވަނީ ފެނާއި ނަރުދަމާ މުޅި ރާއްޖޭގައި ގާއިމުކުރުމުގެ ވައުދުވެ ލަސްވެގެން 2025 ގައި އެ މަސައްކަތް ނިންމާނެ ކަމަށް ގާނޫނުގައި ލިޔެ ފާސްކުރުމަށްފަހު ވެސް އެކަން އެ ސަރުކާރަށް ނުވެދިޔައީ އިޚުލާސްތެރި ނިޔަތެއް ނެތުމުންކަން ފާހަގަކުރައްވާފަ އެވެ.
"ކަން އޮތީ އެހެންނޫންނަމަ 2023 އައި އިރު އަދި އަޅުގަނޑުމެންގެ ސަރުކާރެއް އައިއިރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގައި އެ ޚިދުމަތް ފޯރުކޮށްނުދެވިއެއް ނޯންނާނެ،" މަމްދޫހު ވިދާޅުވި އެވެ.
ފެނާއި ނަރުދަމާ ގާއިމުނުކުރާ ރަށްރަށުގައި ތަރައްގީގެ އެހެން މަޝްރޫއުތައް ކުރިއަށްގެންދިއުމަކީ ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށް އެހެން މެމްބަރުންނެކޭ އެއްގޮތަށް، މަމްދޫހުގެ ވާހަކައިގައި ވެސް ފާހަގަކުރެއްވި އެވެ. އޭނާ ވަނީ މިފަދަ އިސްލާހެއް ހުށަހެޅީ ވެސް މުޅި ރާއްޖެއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ކަމަށް ވިދާޅުވެފަ އެވެ. މެމްބަރުގެ ވާހަކަ ނިންމަވާލެއްވީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނެވެ.
ފެނާއި ނަރުދަމާ އަކީ އަސާސީ ހައްގެއްކަން ފާހަގަކުރައްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ މާޒީގައި ސަރުކާރުތަކުންް އެ ޚިދުމަތްތައް ފޯރުކޮށްދޭން މަސައްކަތްކޮށްފައިވަނީ ނަމަކަށް ކަަމަށެވެ. އެ ވައުދަކީ ކެމްޕޭން ދުވަސްވަރު އެންމެ އަޑުހަރުކޮށް އިވޭނެ އެއް ވައުދު ކަމަށާއި އެހެންނަމަވެސް އެ ދާއިރާއަށް އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ވިދާޅުވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ފެނާއި ނަރުދަމާގެ ޚިދުމަތް އެއް އަހަރު ދުވަހު ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ފުޅާކުރުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ.
"އެއް އަހަރު ދުވަހުގެ ތެރޭގައި އެބަޖެހޭ މުޅި ރާއްޖޭގެ ހއ. އިން ސ. އާ ހަމަޔަށް ހުރިހާ ރަށެއްގައި ކުޑަ ރަށެއް ވިޔަސް ބޮޑު ރަށެއް ވިޔަސް ފަޅެއް ވިޔަސް ގިރިއެއް ވިޔަސް އެތަނަށް ބޭނުންވާ މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ނިންމަން،" ޝާހިދު ވިދާޅުވި އެވެ.
ފެނާ ނަރުދަމާގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވީ މިފަދަ އިސްލާހެއް ހުށަހެޅުމުން އެކަމުން ދޭހަވަނީ، ސަރުކާރުން އެ މަސައްކަތް ރޭވުންތެރިކަމާ އެކު، ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދަން ބޭނުންވާކަން ކަމަށެވެ. މިދިޔަ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ފެނާ ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުތައް ހިންގި ނަމަވެސް އެކަން ކުރީ ޝަރީފް ގަބޫލުކުރައްވާ ގޮތުގައި ގައުމަށް ގެއްލުންވާ ގޮތަށެވެ.
"ބޮޑު ދަރަންޏެއް ބޮލުގައި އެޅިފަ މިކަންކަން ނުވެ، ރަށްރަށުގައި ވަޅު ވަޅު ކޮނެފައި، ހޮޅި މައްޗަށް ވެލި އަޅައިފިއްޔާ އެ ވެލިން ގަނބައިގެންދަނީ" މީގެކުރިން އެ މަސައްކަތް ކުރީ "ތާކުންތާކު ނުޖެހޭ" ގޮތަކަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މި ސަރުކާރުން އެ މަސައްކަތް ކުރާނީ ކުރިއާ ޚިލާފަށް، ރޭވުންތެރިކަމާއި އެކު ދައުލަތަށް ލުއިި ވާނެ ގޮތަކަށް ކަަމަށެވެ.