ENGLISH

06 އޯގަސްޓު 2025

Advertisement

ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަނެ ކޮމިޓީއަށް

05 އޯގަސްޓު 2025

|

ހަސަން އާމިރު

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް

ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައި ބިލު މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހެޅުއްވި ބިލުގެ ބަހުސަށް ފަހު، ބިލު އިތުރަށް ދިރާސާކުރުމަށް އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް ފޮނުވީ 60 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ނުވަ މެންބަރަކު ވަނީ މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދީފަ އެވެ.

ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބިލުގެ އިބްތިދާއީ ބަހުސް ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ. 

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ފެނާއި ނަރުދަމާގެ އެކަށީގެންވާ ނިޒާމެއް ގާއިމްކޮށް ހިންގޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) ގައި ކަނޑައަޅާފައިވާ ފަސް އަހަރު ދުވަހުގެ މުއްދަތު އިތުރުކުރުމަށާއި އެނޫންވެސް ގާނޫނު ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ. 

އެ ގާނޫނަށް ހުށަހަޅާ އިސްލާހުގެ 8 ވަނަ މާއްދާގެ (ނ) ގައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2027 ވަނަ އަހަރުގެ ނިޔަލަށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށް ނިންމަން ޖެހޭ ކަމަށް ހިމަނައިފައެވެ. މީގެ އިތުރުން މި ގާނޫނުގެ އަށްވަނަ މާއްދާގެ (ފ) އަދި ބިލުގެ (ޏ) އުނިކުރަން ބިލްގައި ވަނީ ހިމަނައިފައެވެ. މީގެ އިތުރުން އެ ގާނޫނުގެ 15 ވަނަ މާއްދާ އުނިކުރަން ވެސް ވަނީ ހިމަނައިފަ އެވެ.

އާއްމު ބޭނުންތަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފެން ތަހުލީލުކުރާ ލެބޯޓްރީތައް ގާއިމްކޮށް، ފެނުގެ ރައްކާތެރިކަން ބަލައި ތަހުލީލު ކުރުމުގެ ޚިދުމަތް ދިނުމަށްޓަކައި ގާއިމްކުރަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި ވިޔަފާރި އާއި އާއްމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުންނަން ޖެހޭ މިންގަނޑުތައް ކަނޑައެޅުން ވެސް ބިލުގައި ހިމަނާފައިވެ އެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ބަލަހައްޓާ އިދާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވިލަރެސްކުރުމާއި އެ އިދާރާގެ ޕްލޭންތަކާއި ސްޓްރެޓަޖީތައް މިނިސްޓްރީން މޮނިޓާކުރަން ޖޭހޭ ގޮތަށް ވަނީ ހިމަނައިފައެވެ.

ދިވެހި ރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު ގާއިމުކުރުމުގެ ހުއްދަ ދޭން ވާނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަމްބަރު 4/93 )ގެ ދަށުން ހަދާފައިވާ ގައިވާއިދުގައިވާ ގޮތުގެ މަތިން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި، އެ ރިޕޯޓު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ފާސްކުރުމަށްފަހު ކަމަށް ވެސް ބިލްގައިވަނީ ބުނެފައެވެ.

ގާނޫނުގެ 54 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއް ހިންގައިފި ފަރާތެއްގެ އަދަބަކީ އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި ބިމުގެ ފެން ފަށަލަ ތަޣައްޔަރުވާ ފަދަ އަމަލެއް ކޮށްފި ނަމަ އެ ފަރާތެއްގެ އަދަބަކީ އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު