ENGLISH

06 އޯގަސްޓު 2025

Advertisement

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރު މޮނިޓަރ ކުރުމުގެ ނިޒާމެއް އިމިގްރޭޝަނުން ޤާއިމުކޮށްފި

05 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ރާއްޖެ ބަނދަރުކޮށްފައި އޮތް ފަތުރުވެރިންގެ ބޯޓެއް. އިމިގްރޭޝަނުން ވަނީ އުޅަނދުފަހަރު ޓްރެކް ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފަށާފައި. ފޮޓޯ: އިމިގްރޭޝަން

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން ޤާއިމުކޮށްފިއެވެ. 

އިމިގްރޭޝަނުން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ އެ އިދާރާގެ ސީޕޯޓު ޑިވިޝަނުން މިހާރު ވަނީ ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ޤާއިމުކޮށްފައި ކަމަށެވެ. 

އެ ސިސްޓަމާއެކު ކަނޑުބޯޓު ފަހަރު ރާއްޖެއަށް ވަދެނުކުންނައިރު ޓްރޭސް ކުރެވިގެންދާނެއެވެ. ރާއްޖެއަށް ބޯޓުތައް އަންނަ ގަޑިތައް ކުރިން ވެސް އިމިގްރޭޝަނަށް ލިބެއެވެ. އެހެންނަމަވެސް ކުރިން އެ މަސައްކަތްކުރަނީ އެ މަޢުލޫމާތު ލިބުމާއެކު، ގުޅުންހުރި އިދާރާތަކާއެކުއެވެ. އެގޮތުން އެމްޕީއެލްއާއި ކަސްޓަމްސް މެދުވެރިކޮށް ރާއްޖެ ވަންނަ އުޅަނދުފަހަރުގެ މަޢުލޫމާތު އިމިގްރޭޝަނުން ހޯދައެވެ. އެގަޑިއަށް އޮފިސަރުން ތައްޔާރުވެ ބޯޓަށް ދިއުމުގެ މަސައްކަތްކުރަނީ އެ އިދާރާތަކާ ގުޅިގެންނެވެ. އެހެންނަމަވެސް، އަލަށް ބޭނުންކުރަން ފެށި ޓެކްނޮލޮޖީއާއެކު އިމިގްރޭޝަނަށް އެ ހުރިހާ މަޢުލޫމާތެއް ލިބިގެންދާނެއެވެ. 

އާ ޓެކްނޮލޮޖީއާއެކު މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެއް ކަމަށެވެ. 

ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމާއެކު ސީޕޯޓު ޑިވިޝަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.  

ކިޔުންތެރިންގެ ހިޔާލު