ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ޓެކުހާ ގުޅޭ ޖޫރިމަނާތައް ބޮޑުކޮށް ޖަލު ހުކުމެއް އަންނަ ގޮތަށް އިސްލާހެއް

05 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ހޯދުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ބާރުތައް ފުޅާކޮށް، ޓެކުހާ ގުޅޭ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ހަރުކަށިކުރުމަށް ޓެކްސް ނެގުމާ އިދާރީ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. މި ބިލު ހުށަހަޅާފައިވަނީ، ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ހުށަހަޅާންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތުން ދައްކަން ޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚުތިޔާރު މީރާއަށް ދިނުމަށާއި މީރާގެ ބާރުތައް މުރާޖާކޮށް، ޓެކުހާ ގުޅޭ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ބޮޑުކުރުމެވެ.

އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ދެއްކުމުން ގަސްތުގައި ރެކުމުގެ ނިޔަތުގައި ނުވަތަ އެކަން ކުރުމަށް އެހީތެރިވެދިނުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ވަނީ،  3 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމުގެ ބަދަލުގައި 3 މަސް ދުވަހާއި 2 އަހަރު ދުވަހާ ދެމެދުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ބޮޑުކޮށްފަ އެވެ.

މި ބިލުގައި ޓެކްސް ބަޔާން ހުށަނޭޅުމާއި މަޢުލޫމާތު ހުށަނޭޅުމުގެ ކުށްތަކަށް ކަނޑައަޅާފައިވާ ޖިނާއީ އަދަބުވެސް ވަނީ ބޮޑުކުރަން ހުށަހަޅާފަ އެވެ. ގާނޫނުގައި އޮންނަ ގޮތުން ނަމަ އެފަދަ ކުށްތަކަށް ކަނޑައަޅާފައިވަނީ 1 މަސް ދުވަހާއި 6 މަސް ދުވަހާއި ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމުގެ އަދަބެވެ. ބިލުގައި ވަނީ 250،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު 1 މަސް ދުވަހާއި 6 މަސް ދުވަހާ ހަމަޔަށް ޖަލު ހުކުމެއް އަންނަ ގޮތަށް ހުށަހަޅާފަ އެވެ.

ދައްކަންވާ ދުވަހަށް ޓެކްސް ނުދެއްކުމުގެ ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުމަށް ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ޓެކްސް ނުދައްކާ ފަރާތުން ޓެކްސް ދައްކަން ޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދުގެ 0.05% އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު ބިލުގައި ވަނީ ޖޫރިމަނާގެ އަދަދު 0.1% އަށް އިތުރުކުރުމަށް ހުށަހަޅާފަ އެވެ.

ޓެކްސް ހޯދުމަށްޓަކައި މީރާއަށް މިހާރު ގާނޫނުން ލިބިދޭ ބާރުތައް ފުޅާކުރުމަށް ހުށަހަޅާފައިވާއިރު ކޮމިޝަނާ އޮފދް ޓެކްސޭޝަން އަށް ލިބިދީފައިވާ ބާރުތައް ވެސް ވަނީ އިތުރަށް ތަފްސީލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު