ENGLISH
09 ސެޕްޓެމްބަރު 2025
ދިވެހިންނަށް އެކަނި ކުރެވޭ ވިޔަފާރިތަކުގެ ލިސްޓުގައި އިތުރު 20 ދާއިރާއެއް ހިމަނަނީ
05 އޯގަސްޓު 2025
|
އިގުތިސާދީ ތަރައްގީއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
ދިވެހިންނަށް އެކަނި ކުރެވޭ ވިޔަފާރިތަކުގެ ލިސްޓުގައި އިތުރު 20 ދާއިރާއެއް ހިމެނުމަށް މަސައްކަތްކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ދިވެހިންނަަށް އެކަނި ކުރެވޭ ވިޔަފާރިތަކުގެ ލިސްޓު ފުޅާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ އެކަމާމެދު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ދިރާސާތައް ހެދުމަށްފަހުއެވެ.
ސައީދު ވިދާޅުވި ގޮތުގައި އިތުުރު 20 ދާއިރާއެއް ލިސްޓުގައި ހިމެނުމާއެކު ދިވެހިންނަަށް އެކަނި ކުރެވޭ ވިޔަފާރިތައް ވަރަށް ބޮޑަށް އިތުރުވާނެއެވެ. އަދި އެ ލިސްޓަށް އަންނަ ބަދަލާއެކު ދިވެހި ވިޔަފާރިތަކަށް މިހާރަށްވުރެ ބޮޑު ހިމާޔަތެއް ލިބޭނެ ކަމުގައި ސައީދު ވިދާޅުވިއެވެ.
"ކެބިނެޓުން މިކަން ނިންމަވާފައި އޮތީ. ވަރަށް ފުޅާ ދާއިރާއެއްގައި ވަރަށް ގިނަ ވަގުތު މިކަމަށް ރައީސް ހޭދަކުރައްވައިގެން ހަމަ ހުރިހާ ވަޒީރުންގެ އިމްޕުޓާއި އަދި ފަންނީ ބޭފުޅުންގެ އިމްޕުޓާ އެއްކޮށް އަދި ލޯ ފަރމްތަކާއި، އެކި ދާއިރާތަކުގެ ބޭފުޅުންނާ ވެސް ވާހަކަދައްކާފައި. ދިވެހިންނަށް އެކަނި ކުރެވޭނެ ވިޔަފާރިތަކެއް ވަރަށް ބޮޑު ލިސްޓެއް މިހާރު މި އޮތީ ތައްޔާރުކުރެވިފައި. މިއީ ދިވެހި ވިޔަފާރިތައް ޙިމާޔަތްކުރުމަށްޓަކައި ކުރެވިގެންދާނެ ވަރަށް ބޮޑު މަސައްކަތަކަށް ވާނެ.،" ސައީދު ވިދާޅުވިއެވެ.
ސައީދުވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު ހިއްސާަކުރައްވާފައެވެ. އެގޮތުން އިންޑަސްޓްރިއަލް ވިލެޖުގައި އެސްޓީއޯއިން 2،00 އަކަފޫޓުގެ ބޮޑު ބިމެއްގައި ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޮރޭޖެއް ގާއިމުކުރުމަށް މަސައްކަަތްކުރަމުންދާކަން ހާމަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ދަށުން ކާބޯތަކެތީގެ 162 ބާވތެއް އަގުހެޔޮކޮށް އަބަދުވެސް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ބަލްކުކޮށް މުދާ ރައްކާކުރުމުގެ މަސައްކަތްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓު ފްރީ ޒޯން ކުންފުނި އުފައްދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.