ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އިދިކޮޅުން އޮޅުވައިލަނީ، އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ހިންގުން ހަރުދަނާވާނެ: މަމްދޫހު

05 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު، ފޮޓޯ: އެމްއެމްޓީވީ

ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ކައުންސިލުތަކުގެ ހިންގުން ހަރުދަނާވެ ކުރިން ގާނޫނުން ސާފުނުވެ ހުރި ކަންތައްތަކެއް ސާފުވެގެންދާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ މި ގާނޫނުން ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ ރަށްރަށުގައި އަމިއްލަ ވިޔަފާރިތަކާއި ފަރުދުން ކުރަމުން އަންނަ ވިޔަފާރިތަކަށް ހިމާޔަތް ލިބުމާއެކު، އެ ވިޔަފާރިތަކުގެ ތެރެއަށް ކައުންސިލުތަކަށް ނުވަދެވޭނެކަން ކަށަވަރުވުން ކަމަށެވެ. 

"ރައްޔިތުންނަށް ކަށަވަރުކުރެވިގެންދާ އެންމެ މުހިއްމު ކަމަކީ، ރައްޔިތުންގެ ރަށެއްގެ އިގުތިސާދުގެ ތެރޭގައި ކުރަމުންދާ މަސައްކަތްތައް ނޫނީ ވަކިވަކި ފަރުދުންގެ ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ޔަގީންކަމެއް ކަައުންސިލުތަކުން އެ ވިޔަފާރިތަކުގެ މައްޗަށް އަރައިނުގަންނާނެކަން. ރައްޔިތުން ކުރާ ވިޔަފާރިތައް އެ ކައުންސިލުތަކަށް ނުކުރެވޭނެ،" މަމްދޫހު ވިދާޅުވިއެވެ. 

ކުރިން ގާނޫނު އޮތީ ރަށްރަށުގެ ރައްޔިތުންނަށް ލިބެމުންދިޔަ އާމްދަނީ ނުލިބޭނެ ގޮތަށް ރައްޔިތުން ވިޔަފާރިކުރަމުންދާ ދާއިރާތަކުން ވިޔަފާރިކުރުމުގެ ފުރުސަތު ކައުންސިލުތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ފަހިވާ ގޮތަށް ކަމަށާއި، މިހާރު އެ މަގު ބަންދުވެ، ރައްޔިތުން ކުރާ ވިޔަފާރިތައް ހިމާޔަތްކުރެވިގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. 

މަމްދޫހު އިތުރަށް  ވިދާޅުވީ ކައުންސިލުތައް އިންތިހާބުކުރެވުމާއެކު ރައްޔިތުންގެ މަޝްވަރާގެ މައްޗަށް ބިނާކޮށް ކައުންސިލުތަކުން ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނުތައް އެކުލަވައިލި ނަމަވެސް، ފުރަތަމަ ދެތިން އަހަރު އެއްވެސް މަސައްކަތެއް ނުކޮށް ތިބުމަށްފަހު، ފަހު އަަހަރު ސިޔާސީ މަގުސަދުގައި އެ ތަރައްގީގެ ޕްލޭނާ ހިލާފަަށް ބައެއް ކައުންސިލުތަކުން މަސައްކަތްތައް ފަށާ ކަމަށެވެ. 

މެންބަރު ވިދާޅުވި ގޮތުގައި މިހާރު ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ރައްޔިތުންގެ މަޝްވަރާއާއެކު ރައްޔިތުން ބޭނުންވާ ގޮތަށް ޕްލޭންކުރެވުނު ކަންކަން ތަންފީޒުވާނެ ކަމުގެ ޔަގީންކަން ލިބިގެންދާނެއެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލަރުން މަސައްކަތްކުރަނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށްކަން ކަށަވަރުކުރެވޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

މަމްދޫހުވަނީ މި އިސްލާހުތަކުގެ ސަބަަބުން ކައުންސިލުތައް ފުނޑުފުނޑުވާނެ ކަމަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން، އެމްޑީޕީއަށް ލިބުނު ބޮޑު އަޣުލަބިއްޔަތު ބޭނުންކޮށްގެން ލާމަރުކަޒީ ގާނޫނުގައި ކައުންސިލުތަކަށް ދީފައި އޮތް ގިނަ ބާވަރުތަކެއް އުނިކުރި ކަމަށެވެ. ނަމަވެސް މިހާރު ގެންނަ ބަދަލުތަކަކީ ކައުންސިލުތަކުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް އިތުރު ބާރުވެރިކަން ލިއްބައިދޭ އިސްލާހުތަކެއްކަމަށް ވިދާޅުވިއެވެ. 

މަމްދޫހު ވިދާޅުވި ގޮތުގައި ސަރުކާރުން ހުށަހެޅި އިސްލާހަކީ ގިނަަ ފަރާތްތަކަކާ މަޝްވަރާކުރެވިގެން ގިނަ ބައެއްގެ ހިޔާލުތަކަށް ރިއާޔަތްކުރެވިގެން އެކުލަވައިލެވިފައިވާ ބިލެކެވެ. އަދި އެ ބިލުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީން ނިންމައި ތަޅުމަށް އަންނައިރު އެ އިސްލާހު އޮންނާނީ ރައްޔިތުންގެ ބާރުވެރިކަން ހަނިނުވާނެ ގޮތަށް ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު