ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ޖުލައި މަހު ވެސް އިތުރުވެއްޖެ، 11.5 އިންސައްތައިގެ ކުރިއެރުމެއް

05 އޯގަސްޓު 2025

|

ޢަލީ ޝަހީމް

މިއަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ޖުލައި މަހު ވެސް އިތުރުވެ، އެހެން އަހަރުތަކާ އަޅާބަލާއިރު 11.5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ. 

އެ ވުޒާރާއިން އޮގަސްޓް 4 ވަނަ ދުވަހު އާއްމުކުރި ތަފާސްހިސާބުގައި ވާގޮތުން މިއަހަރުގެ ޖުލައި މަހު ވަނީ 186،738 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ ޒިޔާރަތްކުރީ 167،528 ފަތުރުވެރިންނެވެ. އޭގެކުރީ އަހަރު، 2023 ވަނަ އަހަރު ޖުލައި މަހު ރާއްޖެ އައިސްފައިވަނީ 145،620 ފަތުރުވެރިންނެވެ. 

ޖުލައި މަހު ވެސް ކުރިއެރުން ހޯދިއިރު، ފެބްރުވަރީ މަސް ނޫން އެހެން ހުރިހާ މަހެއްގައި މިއަހަރު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ އޭޕްރީލް މަހެވެ. އެއީ 17.8 އިންސައްތައިގެ ކުރިއެރުމެކެވެ. 

އޮގަސްޓް މަހުގެ ފުރަތަމަ ތިން ދުވަހު ވަނީ 20،627 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. 

މުޅި އަހަރަށް ބަލާއިރު، މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން 1،315،495 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް އެންމެ ފަހުގެ ތަފާސްހިސާބުގައި ހިމަނާފައިވެއެވެ. 

އޮފް ސީޒަނުގައި ވެސް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، މިއަހަރު އެވްރެޖްކޮށް ދުވާލަކު 6000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. 

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އެގައުމުން މިހާތަނަށް 194،159 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. 

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ވަނީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު އެ އަދަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު