ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ފަތުރުވެރިކަމުގެ ވިޔަފާރިތައް އިޝްތިހާރުކުރުމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދެއް އެކުލަވާލައިފި

04 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގައި ހިންގާ ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަން އިޝްތިހާރުކުރުމުގައި ރިއާޔަތްކުރަންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދެއް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން އެކުލަވައިލާ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ. 

މިއަދު ޝާއިއުކުރި ގަވާއިދުގެ މަގުސަދެއްކަމަށް ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާމެދު ޝައުގުވެރިކަން އުފެއްދުމަށް ތައްޔާރުކޮށް އާއްމުކުރާ އިޝްތިހާރުތަކުގައި އެކުލެވޭ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކޮށް، ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނާއި އެތަންތަނުގެ ވަށައިގެންވާ މާހައުލާއި، އެތަންތަނުން ދޭ ހިދުމަތްތަކާ ގުޅޭ ގޮތުން ފަތުރާ މައުލޫމާތަކީ ޖުމްލަކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުމެއް ނުލިބޭ ގޮތަށް ރާއްޖެ ފަތުރުވެރިންނަށް ތަސައްވަރުކޮށްދޭ މައުލޫމާތުތަކެއްކަން ކަށަވަރުކުރުމެވެ. އަދި ފަތުރުވެރިންނަށް ދޭން އިޝްތިހާރުކުރާ ހިދުމަތް އެގޮތުގައި ނުވަތަ އެއަށްވުރެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބާރު އެޅުމެވެ. 

މި ގަވާއިދުގައި އެކުލެވޭ ކަންކަން ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓުހައުސްތަކާއި ސަފާރީ އުޅަނދުތަކާއި ޔޮޓު ބަނދަރާއި ފީނުމާއި މޫދު ކުޅިވަރުގެ ހިދުމަތްތައް ދޭ ތަންތަނާއި އެކްސްކާޝަން ހިދުމަތް ދޭ ތަންތަނުގެ މައްޗަށް ހިނގާނެކަމުގައި ގަވާއިދުގައި ބުނެފައިވެއެވެ. 

ޕްރިންޓުކޮށްގެން ނުވަތަ ޑިޖިޓަލްކޮށް ތައްޔާރުކޮށް އޮންލައިންކޮށް ވީޑިޔޯގެ ޒަރީއާއިން ސޯޝަލް މީޑިޔާ މަންސަތަކާއި އެނޫންވެސް ތަންތަނުގައި ފަތުރާ ހުރިހާ އިޝްތިހާރެއްގެ މައްޗަށް މި ގަވާއިދު ތަންފީޒުވާނެއެވެ. 

ގަވާއިދުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ނުވަތަ ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދޭ ތަނެއް އިޝްތިހާރުކުރުމަށް ތައްޔާރުކުރާ އިޝްތިހާރު ހެދިފައި އޮންނަންވާނީ އަދި އެ އިޝްތިހާރުގައި އެކުލެވޭ މެސެޖު ވާންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފެތޭ ގޮތަށް ތައްޔާރުކުރެވިފައިވާ އިޝްތަިހާރަކަށް އަދި މެސެޖެކަށެވެ. 

ސަގާފީ ގޮތުން ނުވަތަ ދީނީ ގޮތުން ބަލައިނުގަނެވޭ ގޮތަށް ރާއްޖެއާއި ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ފެސިލިޓީއެއް އިޝްތިހާރުކޮށްގެންނުވާނެ ކަމަަށާއި، އެ ތަނަކާއި ތަނެއްގެ ވަށައިގެންވާ މާހައުލާއި އެތަނުން ލިބޭ ހިދުމަތާ ގުޅޭ ގޮތުން އިޝްތިހާރުގައި ހިމަނަންވާނީ ސައްހަ މައުލޫމާތުކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. 

ރާއްޖެ އިޝްތިހާރުކުރުމުގައި އެހެން ގައުމަކަށް  ނުވަތަ އެހެން ސަގާފަތަކަށް އުނިކަން ލިބިދާނެ ފަދަ ގޮތަކަށް އެއްވެސް ކޮންޓެންޓެއް ހިމަނައިގެންނުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވާއިރު، އިޝްތިހާރުކުރާ ތަންތަނަކީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހުއްދަ ލިބިގެން ހިދުމަތްދޭ ތަންތަންކަމަށްވުން ލާޒިމުކޮށްފައިވެއެވެ. 

އަދި އިޝްތިހާރުގައި އެތަނަކަށް މިނިސްޓްރީން ދޫކޮށްފައިވާ ލައިސެންސްގެ ގިންތިއަކީ އަދި ދާއިރާއަކީ ކޮބައިކަން އެނގޭނެހެން މައުލޫމާތު ހާމަކުރަންޖެހޭނެ ކަމުގައި ގަވާއިދުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު