ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހު؛ ކައުންސިލުތައް މާލީ ގޮތުން ޒިންމާދާރުކުރުވުމަށް އަޅާ ފިޔަވަޅެއް

04 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް ބިލު ހުށަހެޅުއްވި މެންބަރު އިބްރާހީމް ހުސައިން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށިފަހުން ކައުންސިލުތަކުގެ އޮޑިޓު ރިޕޯޓުތަކުން އަބަދުވެސް ފާހަގަވާ އެއްކަމަކީ ކައުންސިލުތަކުން ހަރަދުކުރުމުގައި ޒިންމާދާރުކަމާއި، ހިފަހައްޓަންޖެހޭ ގާނޫނީ އުސޫލުތަކުން ބޭރުވާ މައްސަލައެވެ. ފައިސާގެ ކަންކަން ބެލެހެއްޓުމުގައި މާލިއްޔަތު ގާނޫނާއި ގަވާއިދުގައި ބަޔާންކުރާ ކަންކަން އެގޮތަށް ތަންފީޒުނުކުރެވޭ ކަމެވެ. 

އެގޮތުން އެކި ފަރާތްތަކަށް ރަށްރަށުގެ ބިން ކުއްޔަށް ދިނުމާއި، ލިބޭ އާމްދަނީ ހަރަދުކުރުމުގައި ކައުންސިލުތަކުން އުސޫލުތަކާ ހިލާފަށް އަމަލުކުރާ މައްސަލަ އޮންނަނީ އޮޑިޓު ރިޕޯޓުތަކުން ފެންނާށެވެ. އަދި ކައުންސިލުތަަކުގެ ދައުރު ހަމަވާން ކައިރިވެފައި އޮއްވައި ސިޔާސީ ވިސްނުމުގައި ކައުންސިލަށް ދުރު ރާސްތާގައި ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަތައް ފެންމަތިވެއެވެ. 

މިދެންނެވި މައްސަލަތައް ހައްލުވާނެ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މުހިއްމު ބިލެއް ހުށަހަޅާފައި އެބައޮތެވެ. އިދިކޮޅު ފަރާތްތަކުން އަންނަނީ މި ބިލަކީ ލާމަރުކަޒީ ނިޒާމު ފުނޑައިލުމަށް ކުރާ މަސައްކަތެއް ކަމުގައި ދޭހަކޮށްްދިނުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް ބިލުގައި ހިމެނޭ އިސްލާހުތަކަށް ބަލައިލުމުން އެ ބިލުގެ މަގުސަދާއި، ނެރެން އުޅޭ ނަތީޖާ ސާފުވެއެވެ. 

އެގޮތުން ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ފިނޭންސް މިނިސްޓްރީއާައި އެލްޖީއޭގެ އިރުޝާދުތަކާއި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް ދާއިމީ ނުވަތަ ކޮންޓްރެކްޓު މުވައްޒަފުން ވަޒީފާއަށް ނުނެގޭނެ ކަމުގައި ހިމަނާފައިވެއެވެ. ހަމައެހެންމެ އެ މުއްދަތުގައި ކައުންސިލުގެ އިހުތިސާސްގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދޫނުކުރެވޭނެއެވެ. އަދި ކުރިން ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައްވެސް އެ މުއްދަތުގައި ނުފެށޭނެއެވެ. 

މި ބަދަލާއެކު ކައުންސިލުގެ މުއްދަތު ހަމަވާން ގާތްވެފައި އޮއްވައި ކުރިއަށް އޮތް މުއްދަތުގައި ގެއްލުން ލިބޭ ގޮތަށް ނިންމުންތައް ނިންމުން ހުއްޓޭނެއެވެ. އަދި ކައުންސިލުތަކުގެ އިހުތިސާސުގައި ހުންނަ ބިންތަކާއި، ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މަގު މުޅިން ބަންދުވާނެއެވެ. 

އޭގެ އިތުރަށް ކައުންސިލުތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ބޭނުން ވިޔަފާރިއެއް ކުރެވޭ ގޮތަށް އޮވެއްޖެނަމަ ރަށްރަށުގެ އިގުތިސާދުތަކުގައި އާއްމު ރައްޔިތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް އެ ކުންފުނިތައް ވަނުމުން އާއްމު ވިޔަފާރިތަކަށް ގެއްލުންވެއެވެ. އެ ޝަކުވާ މިހާރުވެސް ރަށްރަށުން ސަރުކާރާ ހަމައަށް އަންނަމުންދެއެވެ. 

މިދެންނެވި މައްސަލަ ހައްލުކުރުމަށް ބިލުގައި ހުށަހަޅާފައި އޮތީ ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރީގެ ތެރެއަށް ކައުންސިލުތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ނުވަދެވޭ ގޮތަށެވެ. ނަތީޖާއަކަށްވާނީ ރަށުގެ އިގުތިސާދުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކަށް ރައްކާތެރިކަން ލިބުމެވެ. 

ކައުންސިލުތަކުން ހަރަދުކުރުމުގައި ޒިންމާދާރުކުރުވުމަށްޓަކައި ބިލުގައި ހުށަހަޅާފައި އޮތީ ކައުންސިލުތަކުގެ އެކައުންޓުތައް ބެލެހެއްޓުމުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކަަށް އަމަލުކުރުން ބިލުގައި ލާޒިމުކުރެއެވެ. އަދި އެ ބިލުން ފިނޭންސް މިނިސްޓްރީން އެދިއްޖެނަމަ ކައުންސިލުގެ ބޭންކު ސްޓޭޓުމެންޓު ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުން ލާޒިމުކުރެއެވެ. 

މި ފިޔަަވަޅާއެކު ކައުންސިލުގެ އެކައުންޓުތަކުން ފައިސާ ގެއްލުމާއި، ފައިސާ ނުބެލެހެއްޓި ވީނުވީއެއް ނޭނގުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ. އަދި ވަކި އުސޫލެއްގެ ތެރެއިން ހަރުދަނާ ގޮތެއްގައި ކައުންސިލުގެ ފައިސާ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. 

އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކޮށް އާއްމުކޮށްފައިވާ ކައުންސިލުތަކުގެ އޮޑިޓު ރިޕޯޓުތަކަށް ބަލާއިރު މި ފިޔަވަޅުތަކަކީ ކައުންސިލުތަކުގެ މާލީ ކަންކަން އިންތިޒާމުތަކެއްގެ ތެރެއިން ތަރުތީބުކުރެވި، މިހާރު ފާހަގަކުރެވޭ ގިނަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނެ ފިޔަވަޅުތަކަކެކެވެ. 

ކިޔުންތެރިންގެ ހިޔާލު