ENGLISH
09 ސެޕްޓެމްބަރު 2025
ސަރުކާރުގެ ޚަރަދުގައި މި މަހު ހަތް ކުއްޖަކު ބޯންމެރޯ ޓްރާސްޕްލާންޓް ހަދަން ފޮނުވަނީ
04 އޯގަސްޓު 2025
|
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ ކުދިންނާ ވަޒީރު ނާޒިމް ބައްދަލުކުރައްވަނީ. --ފޮޓޯ: ޞިއްޙަތާ ބެހޭ ވުޒާރާ
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ސަރުކާރުގެ ޚަރަދުގައި މި މަހު ހަތް ކުއްޖަކު ރާއްޖޭން ބޭރަށް ފޮނުވަން ހަމަޖައްސައި، އެކުދިންނާ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް ބައްދަލުކުރައްވައިފިއެވެ.
ބޯންމެރޯ ހެދުމަށް ރާއްޖޭން ބޭރަށް ކުދިން ފޮނުވަނީ، ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ޞިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.
މި އެއްބަސްވުމުގެ ދަށުން މި އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ނިންމާފައިވާ 10 ކުދިންގެ ތެރެއިން ތިން ކުއްޖަކު އޭޕްރީލް މަސްތެރޭގައި ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ. ބާކީ ތިބި ހަތް ކުދިން ފުރުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސައިފައެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކުދިން ފުރާނީ އޮގަސްޓް 4 އިން އޮގަސްޓް 12 އާ ދެމެދުއެވެ.
ބޯންމެރޯ ހެދުމަށް ސަރުކާރުގެ ޚަރަދުގައި ކޮންމެ އަހަރަކުވެސް މަދުވެގެން 10 ކުއްޖަކު ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ސަރުކާރުގެ އެ ސިޔާސަތުގެ ދަށުން މިދިޔަ އަހަރު އެކަނިވެސް 14 ކުދިން ބޯންމެރޯ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ތެލަސީމިއާ ކުދިންގެ ދަފްތަރުގައި 944 ކުދިން އެބަތިއްބެވެ.
ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ ފަރުވާގެ ޚިދުމަތް ރަނގަޅު ކުރުމަށް މޯލްޑިވިއަން ބްލަޑް ސަރވިސްގެ ހިންގުމަށް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގިނަ ބަދަލުތަކެއް ގެންނަވައިފައެވެ. އެގޮތުން އެ ޚިދުމަތް ދިނުން މިހާރު ވަނީ ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާ އިމާރާތަށް ބަދަލުކޮށްފައެވެ.