ENGLISH
09 ސެޕްޓެމްބަރު 2025
މ. ދިއްތުނޑީ ބޭރުގައި ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ކަނދުފައްޗެއް އަޅައިފި
04 އޯގަސްޓު 2025
|
މ. ދިއްތުނޑީ ކަނދުފަތި އެޅުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ
މ. ދިއްތުނޑީ ބޭރުގައި ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ވަދު ކަނދުފައްޗެއް ޤާއިމުކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މ.ކޮޅުފުށީގެ މި ވަދު ކަނދުފަތި އަޅާފައިވަނީ، މ. ދިއްތުނޑީގެ އިރު ދެކުނުން 7 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ނަންބަރަކީ، K09V03 އެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.
މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި ވަނީ އަޅައިފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ވަދު ކަނދުފައްޗެވެ.
މ. ދިއްތުނޑީ ބޭރުގައި ޤާއިމުކޮށްފައިވާ ކަނދުފަތި އޮތް ސަރަހައްދު. ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ
އެގޮތުން، ރަށްރަށުގެ ވަށައިގެން ތިން މޭލާއި ހަ މޭލާއި ދެމެދުގެ ދުރުމިނުގައި ގާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.
ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތި އަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ. މިކަނދުފަތިތައް ހުންނަނީ ފަސޭހައިން ފެންނަ ގޮތަށް ރީނދޫ ކުލައިގައެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތާރީޚަށް ބަލާއިރު ވަދު ނަނުގެ މަސްވެރިކަމަކީ ދިވެހި މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރި މަސްވެރިކަމެކެވެ.