ENGLISH
09 ސެޕްޓެމްބަރު 2025
ހާފިޒުންގެ އެލަވެންސް ބޮޑުކުރުން؛ ކީރިތި ޤުރުއާނަށް ރައީސް ދެއްވާ އަހަންމިއްޔަތުގެ ދަލީލެއް
04 އޯގަސްޓު 2025
|
ހާފިޒުންނަށް ސަނަދު އެރުވުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ގައުމިއްޔަތު އިސްކުރާ ސަރުކާރެއް ގާއިމުކުރެއްވުމުގެ އަޒުމުގައެވެ. ދިވެހީންގެ އިސްލާމީ ޝަހުސިއްޔަތު ދިފާއުކުރައްވައި ކުރިއެރުއްވުމުގެ ވައުދުފުޅާއެކުއެވެ. ހާއްސަކޮށް ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ކީރިތި ގުރުއާނުގެ އިލްމަށް އިސްކަންދެއްވުމުގެ ސިޔާސަތުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ހައްގު މަގާމު ދެއްވުމެވެ. ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ރައސް ދެއްވާ އިސްކަމާއި ބަހައްޓާ އަހަންމިއްޔަތު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ފާއިތުވި މުއްދަތުގައި ސާބިތުކޮށްދެއްވާފައިވެއެވެ.
ހާފިޒުންގެ ދަސްވެނިވުން ނުވަތަ ގުރުއާން ހިތުން ކިޔައިދީ ނިންމުމުން ހާފިޒުކަމުގެ ސަނަދު ހަވާލުކުރުން ކުރިން ބާއްވަމުން އައީ ގައުމީ ގުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން ބައެއްގެ ގޮތުގައެވެ. ނަމަވެސް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ފަރާތްތަކަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައި ގައުމީ ފެންވަރުގައި ހާފިޒުންގެ އަގުވަޒަންކުރެއްވުމަށް ރައީސް ނިންމެވިއެވެ.
މި އަހަރުގެ ރަމަޟާން މަހު ފުރަތަމަ ފަހަރަށް ހާފިޒުން ދަސްވެނިވުމަށް ހާއްސަ ހަފުލާއެއް ބާއްވާފައިވެއެވެ. އެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. އެ ހަފުލާގައި އަދި އޭގެ ކުރިންވެސް އެމަނިކުފާނުވަނީ ސަރުކާރުން ކީރިތި ގުރުއާނުގެ އިލްމު ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ދޭ ހާއްސަ ސަމާލުކަމުގެ ތެރެއިން އަޅުއްވަން ގަސްތުކުރައްވާ އެއް ފިޔަވަޅުގެ ގޮތުގައި އެމަނިކުފާނު އިއުލާނުކުރެއްވީ ހާފިޒުންނަށް ދައުލަތުން ދެމުންދާ އެލަވެންސް ދެގުނައަށް އިތުރުކުރެއްވުމެވެ. އެއީ އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމެޕެއިނުގައި ވެވަޑައިގެންފައިވާ ވައުދުފުޅެއްވެސްމެއެވެ.
އެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންގެ އެލަވެންސް ބޮޑުކުރުމަށް މި އަހަރުގެ ޖޫން މަހު ވަޒީރުންގެ މަޖިލީހުން ފާސްކުރިއެވެ. ވަޒީރުންގެ މަޖިލީހުގެ އެ ނިންމުން އިއްޔެއިން ފެށިގެން މިހާރު އެދަނީ ތަންފީޒުކުރަމުންނެވެ. ކުރިން ލިބުނު 2،000 ރުފިޔާގެ ބަދަލުގައި މިހާރު ކޮންމެ ހާފިޒަކަށް 4،000 ރުފިޔާ ލިބޭނެއެވެ. ބޭނުމަކީ ގުރުއާން ހިފްޒުކުރުމާއި، ހިތުދަސްކުރުމަށްފަހު މުރާޖައާކޮށް ހިތުގައި ގުރުއާންް ދެމެހެއްޓުމުގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރުދިނުމެވެ.
ގުރުއާން ހިތުދަސްކުރުމަށް ހިތްވަރުދިނުމާއެކު، ހާފިޒުން އުފެއްދުމުގެ މަސައްކަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގައި ތިބީ 266 ހާފިޒުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއްގައި 1،434 ކުއްޖަކު އަންނަނީ ގުރުއާން ހިތުން ދަސްކުރަމުންނެވެ. އެއީ 783 އަންހެން ކުދީންނާއި 651 ފިރިހެން ކުދީންނެވެ.
މި ސަރުކާރުގެ އަމާޒަކީ ގުރުއާން ހިތުން ދަސްކޮށްދިނުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް ކޮންމެ އަހަރަކު 100 ހާފިޒުން އުފެއްދުމެވެ. އަދި މި ފަސް އަހަރުގެ ތެރޭގައި ހާފިޒުކަމުގެ ސަނަދު ލިބިފައިވާ މީހުންގެ އަދަދު 1،000 އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
އެ އަމާޒު ހާސިލުކުރުމަށް މިސްކިތްތަކުގައި ހިންގާ ގުރުއާން ކިލާސްތައް ފުޅާކުރުމާއި، ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އިތުުރުކުރުމާއި، ހިފްޒު ކުލާސްތައް ހިންގާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ހާފިޒުންގެ އެލަވެންސް ބޮޑުކުރެއްވުމަކީ ކީރިތި ގުރުއާނުގެ އިލްމު ފެތުރުއްވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގެ އެއްބައެވެ. ލާމެހިފައިވާ ޗޭނެއްގެ އެއް ބޮޅު ފަދައިން ބާކީ ހުރި ސިޔާސަތުތަކާ މިފިޔަވަޅު ލާމެހުމުން ފުރިހަމަވާނީ ހާފިޒުން ބިނާކުރުމާއި، ގުރުއާނުގެ އެކި އިލްމުތަކާއި ފަންނުތައް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތެވެ. މި ހުރިހާ ސިޔާސަތަކުން ފެންނަނީ ދިވެހި އިސްލާމީ ޝަހުސިއްޔަތު ބިނާކުރެއްވުމާއި ނެގެހެއްޓެވުމަށް ރައީސް ދެއްވާ އިސްކަމެވެ. އަހަންމިއްޔަތެވެ.