ENGLISH
09 ސެޕްޓެމްބަރު 2025
އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަައިފި
04 އޯގަސްޓު 2025
|
އަބްދުލް ޣަނީ މުހައްމަދު، ފޮޓޯ: މަޖިލިސް
ރާއްޖޭގެ އުއްތަމަފަނޑިޔާރުގެ މަަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ޣަނީގެ ނަންފުޅު މަޖިލީހަށް ރައީސް ފޮނުއްވީ އުއްތަމަފަނޑިޔާރުގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޣަނީ އެ މަގާމަށް އައްޔަންކުރަން ފެންނަކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ލަފާ އެރުވުމާ ގުޅިގެންނެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި އިއްވެވި ރައީސްގެ ސިޓީގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޣަނީ އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ޖޭއެސްސީން އެމަނިކުފާނަށް ލަފާ އަރުވާފައިވާތީ، އެ މަގާމަށް ޣަނީ އައްޔަންކުރުމާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތެއް އެމަނިކުފާނަށް އަންގަވައިދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
އުއްތަމަފަަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވާފައިވެއެވެ.
އުއްތަމަފަނޑިޔާރުގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން ޣަނީގެ އިތުރަށް އެ މަގާމަަށް ކުރިމަތިލެއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާ އުސްމާނެވެ.
އުއްތަމަފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަނީ ޖޭއެސްސީން ރައީސަށް އަރުވާ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހުން ރުހުން ދޭ ބޭފުޅެކެވެ.
އުއްތަމަފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަކުރެއްވުމުންނެވެ. އައު ގާނޫނުއަސާސީގެ ދަށުން އެ މަގާމު އަދާކުރެއްވި ބޭފުޅުންގެ ތެރެއިން ރިޓަޔާކުރެއްވި ފުރަތަމަ އުއްތަމަފަނޑިޔާރަކީ މުއުތަސިމެވެ.