ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ނުނިމި ކޯޓުތަަކުގައި 8،000 އަށްވުރެ ގިނަ މަައްސަލަ، ހައްލުކުރެވޭނީ އެންމެން މަސައްކަތްކޮށްގެން

04 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް

ދިވެހިރާއްޖޭގެ ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގައި 8،000 އަށްވުރެ ގިނަ މައްސަލަ ނުނިމި އެބައޮތްކަން ހާމަކުރައްވައި، އެ މައްސަލަ ހައްލުކުރަން އެންމެން ގުޅިގެން މަސައްކަތްކުރަންްޖެހޭކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމް ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖޭގެ ހައިކޯޓަށް އަލަަށް އައްޔަންކުރި ފަނޑިޔާރު ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ މަގާމުގެ ހުވައިކުރެއްވުމަށް ރޭ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސައިން ރިޒާ ވިދާޅުވީ، އެންމެ މަތީ ކޯޓުކަމަށްވާ ސުޕްރީމް ކޯޓުގައިވެސް ދުވަސްވީ ގިނަ މައްސަލަތަަކެއް ނުނިމި އެބަހުރި ކަމަށެވެ. 

ސުޕްރީމް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ހާމަނުކުރެއްވި ނަމަަވެސް ހައިކޯޓާއި އެހެނިހެން ސުޕީރިއާ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތަފާސްހިސާބުތައް ރިޒާ ހާމަކުރެއްވިއެވެ. ރިޒާ ހާމަކުރެއްވި ހިސާބުތަކަށް ބަލާއިރު ނުނިމި އެންމެ ގިނަ މައްސަލަަ ހުރީ ސިވިލް ކޯޓުގައެވެ. އެ ކޯޓުގައި 4،072 މައްސަލައެއް ނުނިމި އެބައޮތެވެ. ދެން އެންމެ ގިނައިން ނުނިމި މައްސަލަ ހުރީ ކްރިމިނަލް ކޯޓުގައެވެ. 2،053 މައްސަލައެއް އެ ކޯޓުގައި ނުނިމި އެބައޮތެވެ. 

މައްސަލަތައް ނުނިމި އޮތުމުގައި ވަކި އެއް އިދާރާ ޒިންމާވާންނުޖެހޭނެކަން ފާހަގަކުރައްވައި ރިޒާ ވިދާޅުވީ ޝަރީއަތްތައް އަވަސްކުރުމުގައި ހުރިހާ އިދާރާއެއްގެ ޒިންމާ އަަދާކުރަންޖެހޭ ކަމަށެވެ. އެގޮތުން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ކަރެކްޝަނަލް ސާވިސްއިން ޒިންމާ އަދާކުރަންޖެހޭކަމަށާއި ދިފާއީ ވަކީލުންވެސް އެކަމުގައި މަސައްކަތްކުރައްވަންޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. 

ކޯޓުތަކުގެ ފަނޑިޔާރުން މިހާރުވެސް މައްސަލަތައް އަވަަހަށް ނިންމަވަން ގިނަގުނަ ބުރަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވައި ފަނޑިޔާރުންނަށް ޝުކުރު އަދާކުރެއްވުމާއެކު، އެންމެން ގުޅިގެން މައްސަލަތައް އަވަސްކުރުމަށް މިހާރަަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ރިޒާ ގޮވައިލެއްވިއެވެ. 

ސިވިލް ކޯޓުގައި މައްސަލަތައް ލަސްވުމަށް މެދުވެރިވީ ފާއިތުވި ދައުރުގައި މަދަނީ އިޖުރާއާތުގެ ގާނޫނަށް ގެނައި ބަދަލުތަކެއްގެ ސަބަބުންކަން ރިޒާ ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ 60 އިންސައްތަ މައްސަލަ ނިންމަނީ ދެ ފަރާތުގެ މެދުގައި މަޝްވަރާކޮށްގެން ޑިސްޕިއުޓް މަރުހަލާގައިކަމަށްވީ ނަމަވެސް މަދަނީ އިޖުރާއާތުގެ ގާނޫނުގެ ތެރެއިން އެ މަރުހަލާ އުވައިލުމުން މައްސަލަތައް ދިގުލައިގެންދާކަން ފާހަގަކުރެއްވިއެވެ. 

ރިޒާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މަދަނީ އިޖުރާއާތުގެ ގާނޫނު އިސްލާހުކުރުމަށް ބިލެއް ޑްރާފްޓުކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް މީގެ ހަތް މަސް ކުރިން ފޮނުވާފައިވާ ކަމަށެވެ. އަދި އެ ބިލުގެ މަސައްކަތް ލަސްވާތީ އަވަސްކޮށްދިނުމަށް އެ އޮފީހުގައި ޖޭއެސްސީން އެދިފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު