ENGLISH
03 އޯގަސްޓު 2025
މާރުކޭޓް ސަރަހައްދަށް ކައިރިކުރާ މަސްދޯނިފަހަރުން ފީއެއް ނުނަގާނެ: އެމްޕީއެލް
02 އޯގަސްޓު 2025
|
މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ އެމްޕީއެލް އިން ހަވާލުވެ އެ ސަހަރަހައްދަށް ކައިރިކުރާ އުޅަނދުތަކުން ފީއެއް ނެގި ނަމަވެސް، މަސްމާރުކޭޓް ސަރަަހައްދަށް ކައިރި ކުރާ މަސްދޯނިފަހަރުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެމްޕީއެލުން މިއަދު ބުނެފި އެވެ.
މާލޭ ނޯތު ހާބަރުން ފެށިގެން މަސްމާރުކެޓާ ހަމައަށް އުތުރު ބަނދަރު ބޮޑުކޮށް އެ ސަރަހައްދު ހިންގައި ބެލެހެއްޓުމަށް އެމްޕީއެލާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހު އެވެ.
ނޯތު ހާބަރުގެ ބާކީ ސަރަހައްދާ އެމްޕީއެލް އިން ހަވާލުވުމަށް ފަހު އެ ކުންފުނިން ވަނީ އިތުރު ކުރެވުނު ބައި ތަރުތީބުކޮށް، އިންތިޒާމް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އެމްޕީއެލް އިން ބުނީ މި ސަރަހައްދު ތަރުތީބުކުރެވުމުން، މަސް ދޯނި ފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތްތައް ވެސް މިހާރަށްވުރެ އަވަހަށް ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، މި ގެނެވޭ ބަދަލުތަކާއެކު އެ ސަރަހައްދުގައި ގަވައިދާޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، މި ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
"އެމް.ޕީ.އެލްގެ ނޯތު ހާބަރއިން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް މި ކުންފުނިން ނިންމާފައެއް ނުވޭ. މި ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށްވުރެ އަވަސް، ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން އަރުވަން،" އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ ޑީ.ސީ.ޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާން ވިދާޅުވި އެވެ.
މަސްމާރުކޭޓު ކުރިމައްޗަށްވާ ގޮތަށް އޮންނަ ފަޅުގެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކޮށް، އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް ވެސް އެތަން ދަނީ ބޭނުންކުރަމުންނެވެ. އެމްޕީއެލް އިން ބުނީ މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެތަނަށް ބަދަލު ގެންނާނީ މަސްވެރިންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ. މި ބަދަލު ގެނައުމުން މަސްވެރިކަން ކުރާ އިތުރު އުޅަނދުފަހަރަށް އެ ސަރަހައްދުން ޖާގަ ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.