ENGLISH

03 އޯގަސްޓު 2025

Advertisement

މީރާއިން ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕް އެކުލަވާލައި ޚިދުމަތްތައް ފަސޭހަކުރަނީ

02 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަކުރުމުގެ ގޮތުން ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕެއް އެކުލަވާލައި ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. 

ޒަރީރު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މީރާގެ 15 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އާއްމުކުރި ބަޔާނުގައެވެ. 

ޒަރީރު ވިދާޅުވީ ޤައުމީ ޚިދުމަތުގައި 15 އަހަރު ފުރިހަމަކޮށް، 16 ވަނަ އަހަރަކަށް ކުރިމަތިލާއިރު، މީރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކޮށް، މީރާގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި، ޓެކުހާ ގުޅޭ އިމްތިޒާމުތައް އަދާކުރުން އިތުރަށް ފަސޭހަކޮށްދީ، ޓެކްސް ކޮމްޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ މީރާގެ އަމާޒެއް ކަމަށް ޒަރީރު ވިދާޅުވިއެވެ. 

"ޓެކްނޮލޮޖީގެ އެހީގައި މީރާގެ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާކުރުމަށާއި، މީރާގެ ޚިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން މީރާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕް އެކުލަވާލައި، އޭގައިވާ ކަންކަން ޙާޞިލްކުރުމުގެ މަސައްކަތް ވަނީ ފަށާފަ" ޒަރީރު އާއްމުކުރެއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ. 

ޒަރީރު ވިދާޅުވީ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައި ވެސް ބޭނުންކުރާފަދަ، އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ރާއްޖެއަށްވެސް ތަޢާރަފްކޮށް، ޓެކްސް ދައްކާ ފަރާތްތަކާއި މީރާގެ ސިސްޓަމްތައް ގުޅުވާލައި، ޓެކުހާގުޅޭ އިންތިޒާމުތައް އަދާކުރުން އިތުރަށް ފަސޭހަކުރުން ރޯޑްމެޕްގައި ހިމެނޭ ކަމަށެވެ. 

މީރާއަށް 15 އަހަރުވީއިރު ބައިނަލްއަޤްވާމީ ގޮތުންވެސް ޓެކުހުގެ ދާއިރާގައި މީރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާކަން ޒަރީރުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މިގޮތުން، ޓެކުހާ ގުޅޭ ބައިނަލްއަޤްވާމީ އޭޖެންސީތަކުގައި އިސް ދައުރުތައް ރާއްޖޭން އަދާކުރަމުންގެންދާކަން ޒަރީރު ފާހަގަކުރެއްވިއެވެ. 

މީރާގެ ގިނަ މަސައްކަތްތައް ޑިޖިޓަލްކުރުމާއެކު ޓެކްސް ބަޔާންތަކުގެ 97 އިންސައްތަ އަދި ފައިސާގެ 99 އިންސައްތަ މިހާރު އެ އިދާރާއަށް ލިބެނީ އޮންލައިންކޮށެވެ. 

މީރާގެ ފުރަތަމަ އަހަރު ފާއިތުވީއިރު، 2011 ވަނަ އަހަރުގެ ހިސާބުތަކުން އެ އިދާރާއަށް ލިބިފައިވަނީ 4.56 ބިލިއަން ރުފިޔާއެވެ. އެ އަދަދު 2024 ވަނީ 28.10 ބިލިއަނަށް އިތުރުވެފައެވެ. ދައުލަތުގެ އާމްދަނީގެ 82.5 އިންސައްތަ މިހާރު ބަލައިގަންނަމުންދަނީ މީރާއިންނެވެ. 

ޒަރީރު ވިދާޅުވީ، މީރާގެ ކާމިޔާބީގެ ފަހަތުގައި ވަނީ މިދިޔަ 15 އަހަރު ދުވަހު މީރާ ހިންގެވުމުގައި ނަމޫނާ މަސައްކަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުންގެންދަވާ މީރާގެ ކޮމިޝަނަރުންނާއި މީރާގެ އިސްވެރިންގެ އިތުރުން މީރާގެ ހީވާގި މުވައްޒަފުން ކަމަށެވެ. އަދި ޓެކްސް ނިޒާމު ހިންގުމުގައި އެއްބާރުލުން ދެއްވައި ޓެކުހުގެ އިންތިޒާމުތައް ޤަވާއިދުން އަދާކުރަމުންދާ ޓެކްސް ދައްކާ ފަރާތްތަކުގެ އެއްބާރުލުން ފާހަގަކޮށް ޒަރީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ. 

މީރާގެ ޚިދުމަތް 2010 އޮގަސްޓް 2 ވަނަ ދުވަހު ފެށީ 40 ވަރަކަށް މުވައްޒަފުންނާއެކުއެވެ. މިހާރު މީރާގައި 300 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 އޮފީސް ހިންގައެވެ. 

ކިޔުންތެރިންގެ ހިޔާލު