ENGLISH

03 އޯގަސްޓު 2025

Advertisement

މެލޭޝިޔާ އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

02 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މެލޭޝިޔާ އެއާލައިންގެ މަތިންދާބޯޓެއް

މެލޭޝިޔާގެ ގައުމީ އެއާލައިން މެލޭޝިޔާ އެއާލަައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް ކުރިއަށް އޮތް ފިނިމޫސުމުގައި އިތުރުކުރަން ނިންމައިފިއެވެ. 

މެލޭޝިޔާ އެއާލައިންސްއިން ޝާއިއުކޮށްފައިވާ ބަޔާނެއްގަައި ބުނެފައިވަނީ 2025/2026 ގެ އުތުރު ފިނި މޫސުމުގައި އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަަށެވެ. އެގޮތުން އެއާލައިނުން އަންނަ އަޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާނެއެވެ. 

އެ އެއާލައިނުން މިހާރު ކޮންމެ ހަފުތާއަކު ރާއްޖެއަށް ކުރސަމުންދަނީ ހަތް ދަތުރެވެ. ނަމަވެސް އޮކްޓޯބަރު 26، 2025 ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ކުއަލަލަމްޕޫރާއި ރާއްޖޭގެ ދޭތެރޭގައި މިހާރު ކުރާ ހަތް ދަތުރު 11 ދަތުރަށް އިތުރުކުރަން ނިންމާފައިވާކަމަށް ބުނެފައިވެއެވެ. 

މި ދަތުރުތައް ކުރުމަށް އެ އެއާލައިނުން ބޭނުންކުރަނީ ބޮއެން 737 މެކްސް 8 މަރުކާގެ މަތިންދާބޯޓެއް ކަމަށް މެލޭޝިޔާ އެއާލައިންސްއިން ބުނެފައިވެއެވެ. 

މެލޭޝިޔާއަކީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ މަންޒިލުތަކުގެ ތެރެއިން އެއް ގައުމެވެ. އެ ގައުމުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވަމުންދާއިރު މި އަހަރުގެ މޭ މަހުގެ ނިޔަލަށް އެ ގައުމުން 2،270 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަން މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައެވެ. އޭގެ އިތުރަށް މެލޭޝިޔާއަކީ އެހެން ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ޓްރާންސިޓުވާ މަންޒިލެއްވެސްމެއެވެ. 

އޭގެ އިތުރަށް މެލޭޝިޔާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ އެއް ގައުމެވެ. އެ ގައުމަކީ އެންމެ ގިނައިން ދިވެހި ދަރިވަރުން ކިޔަވަންދާ ގައުމެވެ. އަދި ދިވެހިން ގިނަ އަދަދަކަށް އެ ގައުމުގައި ވަަޒަންވެރިވެގެން ދިރިއުޅެއެވެ. 

މި އަހަރުގެ އޭޕްރީލު މަހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފަައެވެ. އެ ދަތުރުފުޅުގައި ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްއާ ބައްދަލުކުރައްވައި ކުރެއްވި ރަސްމީ މަޝްވަރާތަަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ދަތުރުތައް އިތުރުކުރުމުގެ މަޝްވަރާތައް ހިމެނުނެވެ. 

ކިޔުންތެރިންގެ ހިޔާލު