ENGLISH
03 އޯގަސްޓު 2025
ތަކެތީގެ އަގު އުފުލުން؛ އައު ކަމެއް ނޫން، ތަފާތީ ސަރުކާރުގެ ފިޔަވަޅުތައް
02 އޯގަސްޓު 2025
|
ބާޒާރު މަތީ ފިހާރަައެއް، ފޮޓޯ: ދަ ޕްރެސް
މި ދުވަސްކޮޅު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި އޮތް ކަމަަކީ ބާޒާރުގައި ބައެއް ތަކެތީގެ އަގު އުފުލުމެވެ. ތަކެތީގެ އަގު އުފުލެން ފެށުމާއެކު، އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. ތަކެތީގެ އަގު އުފުލެނީ ސަރުކާރުގެ އިހުމާލުން ނުވަތަ ނުކުޅެދުންތެރިކަމުންކަމަށް ދައްކައިދޭން އިދިކޮޅަށް ވާގިވާރިވާ މީޑިޔާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ނަމަވެސް މުދަލުގެ އަގު އުފުލުމަކީ އަބަދުވެސް ހިނގާ ކަމެކެވެ. ފާއިތުވި ފަސް އަހަރުވެސް އެތައް ފަހަރަކު އެކި ސަބަބުތަކާހުރެ ބާޒާރުގައި މުދަލުގެ އަގު އުފުލުނެވެ. އާއްމުކޮށް ހުރިހާ މުދަލެއްގެ އަގު އުފުލިގެންދިޔައިރު މުދަލުގެ އަގު ކޮންޓްރޯލުކުރުމަށް އެއިރު ކުރެވުނު މާ ބޮޑު ކަމެއްވެސް ނެތެވެ.
ފާއިތުވި ފަސް އަހަރު ތަކެތީގެ އަގުބޮޑުވިކަން ތަފާސްހިސާބުތަކުން ރަނގަޅަށް ފެނެއެވެ. 2023 ވަނަ އަހަރުވެސް އިންފުލޭޝަން ދިޔައީ މައްޗަށެވެ. ނަމަވެސް އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެ އަހަރުގެ ޖުލައި މަހު މ.އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވީ ތަކެތީގެ އަގު ބޮޑުނުވާ ކަމަށެވެ.
ނަމަވެސް އޭގެ އަހަރެއްހައި ދުވަސް ކުރިން އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ 2022 ވަނަ އަހަރު ތެރޭ ތަކެތީގެ އަގު އުފުލުުނު ކަމަށާއި، އަދި އެ އަަހަރު އިތުރަށް ތަކެތީގެ އަގު އުފުލޭނެ ކަމަށެވެ. އަދި ތަކެތީގެ އަގު ބޮޑުވަނީ ބައިނަލްއަގުވާމީ ބާޒާރުގައި މުދަލުގެ އަގަަށް އަންނަ ބަދަލުތަކެއްގެ ސަބަބުންކަމަށް ވިދާޅުވެ އަމީރު މަސައްކަަތްކުރެއްވީ ސަރުކާރަށް އެކަމުގައި ކުރެވޭނެ ކަމެއް، އެޅޭނެ ފިޔަވަޅެއް ނެތްކަން ދެއްކެވުމަށެވެ.
އަމީރު މިފަދައިން ވިދާޅުވުމުގެ އެއް އަހަރު ދުވަސް ކުރިން 2021 ވަނަ އަހަރު ސިންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެއިރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ދެއްކެވީވެސް މުދަލުގެ އަގު އުފުލުނު ވާހަކައާއި ކުރިއަށް އޮތް ތަނުގައިވެސް މުދަލުގެ އަގު އިތުރަށް އުފުލޭނެ ވާހަކއެވެ. ފައްޔާޒުވެސް ވިދާޅުވި ގޮތުގައި އަގު އުފުލުނީ ދުނިޔޭގެ ބާޒާރަށް އައި ބަދަލުތަކެއްގެ ސަބަބުންނެވެ. އެކަމުގައި ސަރުކާރަށް ކުރެވޭނެ ކަމެއް އެޅޭނެ ފިޔަވަޅެއް ނެތެވެ.
މުދަލުގެ އަގު ބޮޑުވާތީ ރައްޔިތުން ޝަކުވާކުރަން ފެށުމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެއިރު ހުންނެވި ހުސައިން އަމްރު ވިދާޅުވީ ތަކެތީގެ އަގު ކޮންޓްރޯލުކުރުމަކީ އެސްޓީއޯއާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި ތަކެތީގެ އަގު ހިފަހެއްޓުމަކީ އިކޮނޮމިކް މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.
ނަމަވެސް އެ ދައުރުގެ ފަހުކޮޅުގައި މުދަލުގެ އަގު އުފުލެމުންދިޔައީ ސަރުކާރުން އެޅި ފިޔަވަޅުތަކާއި ދުނިޔޭގެ އިގުތިސާދީ ހާލަތާ ލާމެހުމުން ކަމަށް ބުނާނެ ޖާގަ އެބައޮތެވެ. އެމްޑީޕީ ސަރުކާރުން ޖީއެސްޓީ ބޮޑުކުރަން ނިންމައި މަޖިލީހަށް ބިލެއް ހުށަހެޅީ، ރަޝިޔާ ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ޔޫރަޕުގައި މުދަލުގެ އަގު އުފެލުމުންދަނިކޮށެވެ. އެ ބިލު ފާސްކުރީ އެގޮތަށް ޖީއެސްޓީ ބޮޑުކޮށްފިނަމަ ސަރުކާރުން އަންދާޒާކުރާ ވަރަށްވުރެ އެތައް ގުނައެއް މުދަލުގެ އަގު އުފުލޭނެ ކަމުގައި މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންޒާރުކޮށްފައިވަނިކޮށް، އެ އިދާރާގެ ލަފައާއި އިރުޝާދު ބޮލާލައި ޖެހުމަށްފަހުއެވެ.
އެއިރުގެ ސަރުކާރުން ފައިސާ ޗާޕުކުރަން ފެށީ 2020 ވަނަ އަހަރު ކޮވިޑް-19އާ ގުޅިގެންނެވެ. އެއް އަހަރު ދުވަހަށް ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑުކުރުމަށްފަހު ފައިސާ ޗާޕުކުރަން ފެށި ގޮތަށް، ކޮންމެ އަހަރަކު އެ ސަސްޕެންޝަނުގެ މުއްދަތު އިތުރުކޮށް، ފައިސާ ޗާޕުކުރީ ހައްދެއް އިމެއް ބަލައިގެންނޫނެވެ. ސާޅީސް އަހަރު ޗާޕުނުކުރާހާ ގިނައިން ހަތަރު އަހަރު ތެރޭ ފައިސާ ޗާޕުކޮށް، އިގުތިސާދަށް އަށް ބިލިއަން ރުފިޔާ އިތުރުކުރިއެވެ. ކޮންމެ އަހަރަކު އައިއެމްއެފްއިން ނެރޭ ކަންޓްރީ ރިޕޯޓާއި، ވޯލްޑް ބޭންކުގެ ރިޕޯޓުތަކުގައި މިކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލޭނެ ކަމުގައި ބުނަމުންދިޔައެވެ. އަދިވެސް މިއުޅެނީ އެ ސިޔާސަތުގެ ނޭދެވޭ އަސަރުތަކުން އަރައިނުގަނެވިގެންނެވެ.
ފައިސާ ޗާޕުކުރުމުގެ ސަބަބުން އިގުތިސާދުގައި ދައުރުވާ ފައިސާ އިތުރުވެފައިވަަނިކޮށް، މާލީ އަދި އިގުތިސާދީ ހާލަތަށް ރިއާޔަތްކުރުމެއް ނެތި ބައެއް ފަރާތްތަކުގެ މުސާރަ ބޮޑުކުރުމާއެކު އަނެއްކާވެސް އިގުތިސާދުގައި ދައުރުވާ ފައިސާ އިތުރުވިއެވެ. ރުފިޔާއާ އެއްވަރަށް ޑޮލަރު އިތުރުނުވެ އަނެއްކާވެސް ޑޮލަރުގެ އަގު އުފުލުނެވެ. އަދި އެއް ބައެއްގެ މުސާރަ ބޮޑުކޮށް ދެން ތިބި އެންްމެންގެ މުސާރަތައް ބޮޑުކުރަން ވައުދުވުމާއެކު ހަމަހަމަަކަމާއި އިންސާފުވެރިކަން ގާއިމުކުރުމުގެ އުސޫލުގެ ތެރެއިން ބާކީ ތިބި މީހުންގެ މުސާރަ ބޮޑުކުރުން މިހާރު އޮތީ ލާޒިމުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުންގެ ހިދުމަތުގައި މަސައްކަތްކުރުމަކީ ސަރުކާރުގެ ޒިންމާކަމުގައި ގަބޫލުކުރައްވައިގެންނެވެ. އެގޮތުން ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ސަރުކާރުން ކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ގެންދަވަނީ އަމަލުފުޅާއި ބަސްފުޅުން ދައްކަވަމުންނެވެ.
ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައިވެސް ތަކެތީގެ އަގު އުފުލުނެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމާއި އެނޫންވެސް އެކި ސަބަބުތައް މެދުވެރިވެއެވެ. ބާޒާރުގައި ބައެއް ފަހަރު ބައެއް މުދާ މަދުވުމަކީ އެންމެ ގިނައިން މުދަލުގެ އަގު އުފުލޭ ސަބަބެވެ. މިކަންކަން ކުރިމަތިވުމުން "އަގު އުފުލެޔޭ، އަދިވެސް އުފުލޭނޭ،" ވިދާޅުވެފައި، ޒިންމާއިން ރެކިވަޑައިގަތުމުގެ ވިސްނުންފުޅެއް އެމަނިކުފާނު އަދި ސަރުކާރުގެ ވަޒީރުން ނުގެންގުޅުއްވައެވެ.
މުދަލުގެ އަގު ބޮޑުވިޔަނުދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީން ކުރާ އެންމެ މުހިއްމު މަސައްކަތަކީ ބާޒާރުގައި މުދަލުގެ އަގަށް އަންނަ ބަދަލުތައް ބެލުމެވެ. އެގޮތުން 183 ބާވަތެއްގެ މުދާ ހިމެނޭ ލިސްޓެއް ތައްޔާރުކޮށް އެ ތަކެތީގެ އަގަށް އަންނަ ބަދަލުތައް އެ މިނިސްޓްރީން ދަނީ ކައިރިން ބަލަމުންނެވެ. އަދި އެއިން އެންމެ މުހިއްމު 54 ބާވަތެއް އެއީ ކްރިޓިކަލް މުދާކަމަށް ކަނޑައަޅައި، އެތަކެތީގެ އަގުތަކަަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް ސަރުކާރުން އަޅަމުންދެއެވެ.
މުދަލުގެ އަގު އުފުލުނަނުދީ، ތަކެތީގެ އަގުބޮޑުވެގެން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ކުރިއާ ހިލާފަށް އެސްޓީއޯވެސް ބައިވެރިވެއެވެ. މިހާރު އެސްޓީއޯއިން ބުނަމުންދަނީ މުހިއްމު އެއްވެސް މުދަލެއްގެ އަގު މަތިވާނަމަ ޝިޕްމެންޓުތައް ގެނެސް ބާޒާރަށް ނެރޭނެ ކަމަށެވެ. އަދި ބާޒާރުގައި މުދަލެއް ލިބުން ދަތިވާ ހާލަތުގައި ވިޔަފާރިތަކަށް އެ މުދާ ފޯރުކޮށްދިނުމަކީ އެ ކުންފުނިން އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި މިހާރު އެސްޓީއޯއިން ގަބޫލުކުރެއެވެ.
ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ދަތިވާ މުދަލެއްގެ އަގު ބާޒާރުގައި އުފުލޭނަމަަ ނުވަތަ އަގު އުފުލޭނެކަމުގެ ނިޝާންތައް ފެންނަނަމަ، ލަސްނުކޮށް އެސްޓީއޯއިން ފިޔަވަޅު އަޅައެވެ. ބާޒާރަށް އެ މުދަލެއް ނެރެއެވެ. މިގޮަތަށް ލުނބޯ، ފިޔަވައި، އަލުވި ފަދަ އެތައް ބާވަތެއްގެ އަގު އުފުލުމާއެކު އެސްޓީއޯއިން ބާޒާރަށް ތަދައްހުލުވެ އަގު ކޮންޓުރޯލުކުރުމަށް އެހީތެރިވެދީފިއެވެ.
ކަަޅު ބާޒާރުން ޑޮލަރު ގަންނަންޖެހުމަކީވެސް މުދަލުގެ އަގު ބޮޑުވާ ސަބަބެކެވެ. އެކަން ހައްލުކުރުމަށް ބޭރު ފައިސާގެ ގާނޫނެއް ތަންފީޒުކުރަން ފަށައި ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ވެދެމުންދާ އެހީތެރިކަން 30 އިންސައްތައަށް އިތުރުކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ނިސްބަތް 50 އިންސައްތައަށް އިތުރުކުރުމުގެ މަސައްކަތް މަރުކަޒީ ބޭންކުން އަންނަނީ ކުރަމުންނެވެ.
މިހާރު އަގު އުފެލެން ފެށުމުން، އަގުތައް ބޮޑުނުވާކަމަށް ރައީސް ވިދާޅުނުވާނެއެވެ. އަގުތައް ބޮޑުވިޔަސް ކުރެވޭނެ ކަމެއް ނެތްކަމަށް ވަޒީރުން ވިދާޅުނުވާނެއެވެ. މިއަދު ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގައި މުޅި ސަރުކާރުގެ ސިޔާސަަތަކީ މިފަދަ ކޮންމެ ދަތިކަމެއް ނުވަތަ ތުރާލެއް ކުޑަކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމެވެ. މުޅި ސަރުކާރު ގުޅިގެން އެކަމަކާ ކުރިމަތިލުމެވެ.