ENGLISH

02 އޯގަސްޓު 2025

Advertisement

ބޭރުގައި ކިޔަވާ ދަރިވަރުންނަށް އުފާވެރިކަން؛ ޑޮލަރުގެ އެހީ އިތުރަށް ފުޅާކޮށްފި

02 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ގައުމީ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ޖަލްސާއެއްގެ ތެރެއިން

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޑޮލަރުން ދެމުންދާ އެހީ އިތުރުކުރަން ނިންމާފައިވާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. 

ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލާއެކު ބޭންކިން ނިޒާމަަށް ޑޮލަރު ވަންނަ މިންވަރު އިތުރުވުމާއެކު ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭންކުން ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް ބޭންކާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަަދި ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަރިވަރުންގެ ކާޑުތަކުގެ ލިމިޓު 1،200 ޑޮލަރަށް މަތިކުރުމަށް ނިންމަައި، އެކަން ބޭންކުން ތަންފީޒުކުރަންވަނީ ފަށާފައެވެ. 

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި ދަރިވަރުންނަށް ބޭންކުން ދޭ ޑޮލަރުގެ އެހީ އިތުރަށް ފުޅާކޮށް އިތުރު ހިދުމަތްތަކެއް ޑޮލަރުން ފޯރުކޮށްދިނުމަށް ބޭންކުން މިހާރުވަނީ ނިންމާފއެވެ. 

ޓިއުޝަނާއި ސްޓައިޕެންޑަށް ޑޮލަރު ދިނުން 

ސަރުކާރުން މެދުވެރިކޮށް ލިބޭ ސްކޮލާޝިޕުތަކާއި ސަރުކާރުން ދޫކުރާ ލޯނުތަކުގައި ކިޔަވާ ދަރިވަރުންގެ އިތުރަށް އަމިއްލަ ހަރަދުގައި ކިޔަވާ ދަރިވަރުންނަށްވެސް މިހާރު މި އެހީތެރިކަން ލިބޭނެއެވެ. އެގޮތުން ކިޔަވާ ޔުނިވަސިޓީ ނުވަތަ މުއައްސަސާއާއި ދައްކަންޖެހޭ ފައިސާގެ އަދަދާއި ދަރިވަރުންގެ ނަމާއި ތަނުގެ ބޭންކު ތަފުސީލުތައް ހިމެނޭ ލިޔުމެއް ނުވަތަ އިންވޮއިސްއެއް ފޯރުކޮށްދިނުމުން ދަރިވަރުންގެ ޓިއުޝަން ފީ ޑޮލަރުން ޓެލްގްރާފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް މިހާރު ފޮނުވައިދޭނެއެވެ. 

އޭގެ އިތުރަށް ދިރިއުޅުމަށް ބޭނުންވާ ސްޓައިޕެންޑާއި ދިރިއުޅޭ ތަނުގެ ކުލި ފަދަ އިތުރު ހަރަދުތަކަަށް ބޭނުންވާ ފައިސާވެސް، ބޭރުގައި ދަރިވަރުން ކިޔަވާ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެ ދަރިވަރުގެ ބޭންކު އެކައުންޓަށް ޓީޓީގެ ޒަރީއާއިން ފޮނުވައިދޭނެއެވެ. މިގޮތަށް ޓީޓީކޮށްދޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކި ގައުމުތަކަށް ސްޓައިޕެންޑުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތަކެވެ. އަދި މިނިސްޓްރީން އެ ފައިސާ ފޮނުވައިދޭނީ ތިން މަސް ކުރިންނެވެ. 

އަލަަށް ކިޔަވަން ފަށާ ކުދިންނަށް އެހީ

އަލަށް ބޭރުގައި ކިޔަވަަން ފަށާ ދަރިވަރުންނަށްވެސް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވެއެވެ. އެގޮތުން އެ ކުއްޖަކު ކިޔަވަން ފުރުމުގެ އެއް މަސް ދުވަހުގެ ކުރިން ނަގުދު ފައިސާގެ ގޮތުގައި ނުވަތަ އެ ދަރިވަރެއްގެ ޑޮލަރު އެކައުންޓަށް އެއް މަހުގެ ސްޓައިޕެންޑު ޖަމާކޮށްދޭނެއެވެ. ދެން ހުރި މަސްތަކުގެ ފައިސާ ޖަމާކުރަމުންދާނީ އެ ކުއްޖަކު ކިޔަވާ ގައުމަށް ދިއުމަށްފަހު، އެގައުމެއްގެ ބޭންކެއްގައި ހުޅުވާ ދަރިވަރުގެ އެކައުންޓަށެވެ. މި ފިޔަވަޅުގެ ބޭނުމަކީ ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން އައު ގައުމަށް ގޮސް ކަންކަން ހަމަޖެއްސުން ފަސޭހަކޮށްދިނުމާއި، ކިޔަވާ ގައުމުގައި ބޭންކު އެކައުންޓެއް ހުޅުވަން ވަގުތު ފަހިކޮށްދިނުމެވެ. 

ކުލި ދެއްކުމަށްވެސް ބޮޑު އެހީއެއް 

އަމިއްލައަށް ކުއްޔަަށް ތަންތަން ނަގައިގެން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 12 މަސްދުވަހުގެ ކުލި އެއްފަހަރާ ކުރިއާލައި ޓީޓީ މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ. ކުއްޔަށް ދޭ ފަރާތުގެ އެކައުންޓަށް މި ފައިސާ ޖަމާކުރާނީ ސައްހަ ކުލީގެ އެއްބަސްވުމެއް ހުށަހެޅުމުންނެވެ. ނަމަވެސް މި އެހީތެރިކަން ހޯދާ ކުދިންނަށް ސްޓައިޕެންޑުގެ ގޮތުގައި އިތުރު ޑޮލަރު ބޭންކުން ނުލިބޭނެއެވެ. 

މި އެހީ ހޯދުމަށް، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ؛ 

- ކޯހާއި ކޯހުގެ ދިގުމިން އެނގޭނެ ގޮތަށް ކިޔަވާ ތަނުން ދޭ ސައްހަ ލިޔުމެއް 

- ސްޓޫޑެންޓު ވިސާ 

- ކުލީގެ އެހީ ހޯދާނަމަ، ކުއްޔަށް ދޭ ފަރާތުގެ ބޭންކު މައުލޫމާތު ހިމެނޭ ގޮތަށް، ކުއްޔަކީ ކޮބައިކަން އެނގޭނެހެން ތައްޔާރުކޮށްފައިވާ ސައްހަ ކުލީގެ އެއްބަސްވުމެއް 

މި ފިޔަވަޅުތަކާއެކު މިހާރު ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މާލީ ގިނަ ގޮންޖެހުންތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި ޑޮލަރު ނުލިބުމުގެ ސަބަބުން ދަރިވަރުންގެ ހަރަދުތަކަށް ބޭނުންވާ ފައިސާ ކަޅުބާޒާރުން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ލުުއިވެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު