ENGLISH

02 އޯގަސްޓު 2025

Advertisement

މަސްވެރިކަމަށް ދިރުން ލިބިއްޖެ؛ މަސް ކިރުވި މިންވަރު %34 އަދި މަހުގެ އެކްސްޕޯޓު %67.1 މައްޗަށް

02 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މަސްވެރިންތަކެއް ދޮށިއަޅަނީ، ފޮޓޯ: އައްޑޫލައިވް

ފާއިތުވި އަހަރުތަކުގައި މަސްވެރިކަން ހީނަރުވެފައި އޮތުމަށްފަހު އަލުން މަސްވެރިކަމަށް ދިރުން ލިބި، މަސްވެރިން ބާނާ މަސް ކިރުވި މިންވަރާއި މަހާއި މަހުގެ އުފެއްދުންތައް ރާއްޖެެއިން ބޭރުކުރި މިންވަރު މި އަހަރު އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެ އޮތޯރިޓީން އާއްމުކޮށްފައިވާ އިގުތިސާދީ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 45،735 މެޓްރިކްޓަނުގެ މަސްް ކުންފުނިތަކުން ގަނެފައިވެއެވެ. އެއީ 39،793 މެޓްރިކްޓަނުގެ ކަޅުބިލަމަހާއި، 5،769 މެޓްރިކްޓަނުގެ ބޮޑު ކަންނެއްޔާއި، އެހެނިހެން ބާވަތްތަކުގެ 171.5 މެޓްރިކްޓަނުގެ މަހެވެ. 

ފާއިތުވި އަަހަރުގެ އެ މުއްދަތުގައި ކިރުވާފައިވަނީ ޖުމްލަ 34،021 މެޓްރިކްޓަނުގެ މަހެވެ. އެއީ 27،835.1 މެޓްރިކްޓަނުގެ ކަޅުބިލަމަހާއި، 6،039.2 މެޓްރިކްޓަނުގެ ބޮޑު ކަންނެއްޔާއި، 147 މެޓްރިކްޓަނުގެ އެހެނިހެން ބާވަތްތަކުގެ މަހެވެ. 

އެހެންކަމުން ޖުމްލަކޮށް މަސްކިރުވި މިންވަރު ނިމުނު އަހަރަަށްވުރެ 34.4 އިންސައްތަ އިތުރުވެފައިވާއިރު ކަޅުބިލަމަސް ކިރުވި މިންވަރުވަނީ 43 އިންސައްތަ އިތުރުވެފައެވެ. ބޮޑުކަންނެލި ކިރުވި މިންވަރު 4.5 އިންސައްތަ ދަށްވި ނަމަވެސް އެހެނިހެން ބާވަތްތަކުގެ މަސް ކިރުވި މިންވަރު 16.4 އިންސައްތަ އިތުރުވިއެވެ. 

މަސް ކިރުވި މިންވަރުގެ އިތުރަށް މަސް ބޭރުކުރި މިންވަރުވެސް އިތުރުވެފައިވެއެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 44،877.7 މެޓްރިކްޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރިއެވެ. އެންމެ ގިނައީ ތާޒާކޮށް ނުވަތަ ގަނޑުކޮށްގެން މަސް ބޭރުކުރި މިންވަރެވެ. އެގޮތުން ތާޒާކޮށް އަދި ގަނޑުކޮށް 40،745 މެޓްރިކްޓަނުގެ ކަނޑުމަސް ރާއްޖެއިން ބޭރުކުރިއެވެ. 

ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރުކުރީ ޖުމްލަ 26،850 މެޓްރިކްޓަނުގެ މަހެވެ. ތާޒާކޮށް އަދި ގަނޑުކޮށް ބޭރުކޮށްފައިވަނީ 22،533 މެޓްރިކްޓަނުގެ މަހެވެ. 

މި ހިސާބުތަކަށް ބަލާއިރު މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރި މިންވަރު 67.1 އިންސައްތަ އިތުރުވެފައިވެއެވެ. އަދި ތާޒާަ އަދި ގަނޑުކޮށްގެން ކަނޑު މަސް ބޭރުކުރި މިންވަރު ނިމުނު އަހަަރަށްވުރެ 80.8 އިންސައްތަ އިތުރެވެ. ކަނޑުމަސް ނޫން އެހެނިހެން ބާވަތްތަކުގެ މަސް ގަނޑުކޮށް ނުވަތަ ތާޒާކޮށް ބޭރުކުރި މިންވަރު 27.6 އިންސައްތަ އިތުރުވެފައިވެއެވެ. 

މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ކަޅުބިލަމަހުގެ މަސްވެރިކަން ރަނގަޅުވުމެވެ. މައިގަނޑު ގޮތެއްގަައި މަސް ކިރުވާ މިންވަރާއި ބޭރުކުރި މިންވަރަަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނީވެސް ކަޅުބިލަމަހަށެވެ. ކަޅުބިލަމަހުގެ ދާއިރާއަށް ލިބުނު ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ ފާއިތުވި އަހަރުގެ ޑިސެންބަރު ދިހަވަނަ ދުވަހުން ފެށިގެން މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށުމެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށިފަހުން މަސްވެރިކަމަށް ނުކުންނަ އޮޑިފަހަރާއި އެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު