ENGLISH
02 އޯގަސްޓު 2025
މި މަސް ނިމުމުގެ ކުރިން ސީޓީ ސްކޭނުގެ ހިދުމަތް ފުވައްމުލަކުގައި ފަށަނީ
02 އޯގަސްޓު 2025
|
ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ބަހައްޓާފައިވާ ސީޓީސީ ސްކޭނު މެޝިން، ފޮޓޯ: ހެލްތު މިނިސްޓްރީ
ފުވައްމުލައް ސިޓީގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ސިޓީ ހޮސްޕިޓަލުގައި ސީޓީ ސްކޭން ހިދުމަތް މި މަސް ނިމުމުގެ ކުރިން ފެށުމަށް މަސައްކަތް ފަށައިފިއެވެ.
އެ ސިޓީގައި ސީޓީ ސްކޭން ހިދުމަތް ތައާރަފުކޮށްދިނުމަށް ބޭނުންވާ މެޝިން ހޮސްޕިޓަލަށް ފޯރުކޮށްދީފައިވަނީ މާޗު 03، 2025 ވަނަ ދުވަހުއެވެ. އެއިރު މެޝިން ލިބުމާއެކު ހޮސްޕިޓަލުންވަނީ ހިދުމަތް ފެށުމުގެ ކުރިން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަަތް ފަށާފައެވެ.
އިއްޔެ އެ ރަށު ހޮސްޕިޓަލުން ބުނެފައިވަނީ ހިދުމަތް ފެށުމުގެ ކުރިން ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައި ނިމިފައިވާ ކަމަަށެވެ. އަދި މިހާރު ކުރިއަށްދަނީ މެޝިން އިންސްޓޯލުކުރުމުގެ މަސައްކަތް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުން މިހާރު އެ ހޮސްޕިޓަަލުން ކުރަމުންދާ މަސައްކަތްތައް ނިންމައި މި މަހުގެ ނިޔަލަށް އެ ހިދުމަތް ފޯރުކޮށްދޭން ފެށުމަކީ މިނިސްޓްރީއާއި ހޮސްޕިޓަލުގެ އަމާޒެވެ.
އެ ސިޓީގެ ހޮސްޕިޓަލުން ފާހަގަކުރި ގޮތުގައި 12،000 އެއްހައި މީހުން ދިރިއުޅޭ ފުވައްމުލަކު ރައްޔިތުންނަށް މިވަގުތު ބޭނުންވާ އެންމެ ބޮޑު އެއް ހިދުމަތަކީ ސީޓީ ސްކޭނު ހިދުމަތެވެ. އެ ސިޓީ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އައު އިމާރާތެއް މީޣެ ކުރިން ތަރައްގީކޮށްފައިވެއެވެ.
ސީޓީ ސްކޭނުގެ ހިދުމަތް ތަައާރަފުކުރުމަށްޓަކައި އިމާރާތަށް ބައެއް ބަދަލުތައް ގެނެސް ޖާގަ އިތުރުކުރަންޖެހުނެވެ. އެ މަސައްކަަތްކޮށްފައިވަނީ 2.9 މިލިއަން ރުފިޔާ ހަަރަަދުކޮށްގެންނެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް އިތުރުކުރުމަށް ގިނަ މަސައްކަަތްތަކެއް ކުރަމުންނެވެ. އެގޮތުން ސީޓީ ސްކޭނު ހިދުމަތާއި، ޑައިލަސިސް ހިދުމަތް ފަދަ އަސާސީ ސިއްހީ ހިދުމަތްތައް އަތޮޅު ތެރޭގައި ފުޅާކުރުމުގެ މަސައްކަތް ހަލުއި ދުވެލީގައި ސަރުކާރުންދަނީ ކުރަމުންނެވެ.