ENGLISH
02 އޯގަސްޓު 2025
ތުހުމަތު އޮތް މީހާ ފުލުހަށް ހާޒިރުވިއިރު ސްޓޭޝަންގައި ފުލުހަކު ނެތް ސަބަބު ސާފުކޮށްދީފި
01 އޯގަސްޓު 2025
|
މޫސަގެ މަރުގެ ތުހުމަތު އޮތް މީހާ --
ލ. މާވަށުގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައިގެ ތުހުމަތު އޮތް މީހާ, އެ ރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުވިއިރު އެވަގުތު ސްޓޭޝަންގައި ފުލުހަކު ނެތް ސަބަބު ދިވެހި ފުލުހުންގެ ޚިދުމަތުން ސާފުކޮށްދީފި އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ހެނދުނު ހިނގި ހާދިސާގައި މަރުވީ މާވަށު, ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. އޭނާއަށް ހަމަލާ ދިނުމުގެ ތުހުމަތު އޮތީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ.
އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުން މޫސައަށް ހަމަލާދީ މަރާލުމަށް ފަހު މުހައްމަދު އިބްރާހިމް ވަނީ މޫދަށް ގޮސް ވަޅި އެއްލާލާ އަތްފައި ދޮވެގެން ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފަ އެވެ. ނަމަވެސް އެ ވަގުތު އެއްވެސް ފުލުހަކު ނެތް ކަމަށެވެ. އަދި ސްޓޭޝަން ހުރީ ހުސްކޮށް ކަމަށް ބުނެފައިވެ އެވެ.
އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން މިއަދު ވަނީ އެހެން ދިމާވި ގޮތް ސާފުކޮށްދީފަ އެވެ. ފުލުހުން ބުނީ ތުހުމަތުކުރެވޭ މީހާ ސްޓޭޝަނަށް ހާޒިރުވެފައިވަނީ މައްސަލައިގެ ރިޕޯޓު ލިބުމުން ސްޓޭޝަންގެ ހުރިހާ ފުލުހުން ކުށުގެ ވެއްޓަށް ދިޔަ ވަގުތު ކަމަށެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހިމް ހައްޔަރުކޮށް މުއްދަތު ޖަހަން ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.
ހާދިސާގައި މަރުވި މޫސާ އިބްރާހިމްގެ ހަށިގަނޑު އޮތީ ޕޯސްޓްމޯޓަމް ހަދަން މާލެ ގެނެސްފަ އެވެ.