ENGLISH

25 ޖުލައި 2025

Advertisement

އާރްޓީއެލް ފެރީ ބ.އަތޮޅަށް؛ 28 ޖުލައި އޯގަސްޓު 3 އަށް ހިލޭ ދަތުރުކުރެވޭނެ

23 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އާރްޓީއެލް ފެރީ ހިދުމަތް ބ.އަތޮޅުގައިވަނީ ފަށާފައި، ފޮޓޯ: އެމްޓީސީސީ

ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅައިލުމަށް ސަރުކާރުން ހިންގަމުންދާ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކްގެ ދަށުން ޒޯން 2 ގައި ހިމެނޭ ބ.އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް ފަށަން ތައްޔާރުވެ، ޖުލައި މަހުގެ 28 ވަނަ ދުވަހުން އޯގަސްޓު 3 ވަނަ ދުވަހަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ހުޅުވައިލާނެ ކަމުގައި ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބ.އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރުތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޯގަސްޓު ތިންވަނަ ދުވަހުގެ ނިޔަލަށް އެ ހިދުމަތް ތަޖުރިބާކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމުގެ ގޮތުން އެ އަތޮޅުގައި ހިލޭ ފެރީ ދަތުރުކުރެވޭނެ ކަމުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ އަހުލުވެރިކުރުމުގެ ގޮތުން ހިލޭ ކުރިއަށްގެންދާ ދަތުރުތަކަށްފަހު، އޯގަސްޓު ހަތަރުވަނަ ދުވަހުން ފެށިގެން ފެރީ ދަތުރުތައް ކުރިއަށްގެންދާނީ ޓިކެޓު ނަގައިގެން ކަމަށެވެ. ޓިކެޓު ނެންގެވުމަށް އޯގަސްޓު އެއްވަނަ ދުވަހުން ފެށިގެން މޯބައިލް އެޕާއި ވެބްސައިޓް ބޭނުންކުރެވޭނެ ކަމުގައި ބުނެފައިވެއެވެ. 

ޒޯން 2 ގައި ހިމެނޭ ޅ.އަތޮޅާއި،ނ.އަތޮޅާއި، ރ.އަތޮޅުގައި މިހާރުވެސް އާރްޓީއެލް ހިދުމަތް ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށް، ބ.އަތޮޅުގައި ހިދުމަތް ފެށުމުން ޒޯން 2 ގައި ހިމެނޭ ހުރިހާ އަތޮޅަކަށް އާރްޓީއެލް ހިދުމަތް ފުޅާކޮށް ނިމުނީކަމަށް އެ ވުޒާރާއިން ބުންޏެވެ. 

މިހާރު ދެން ކުރަމުން އަންނަ މަސައްކަތަކީ ޒޯން 2 ގައި ހިމެނޭ 4 އަތޮޅު ގުޅައިލުމުގެ މަސައްކަތް ކުރިއަށްދާނެކަން ފާހަގަކުރަމުން އެ ވުޒާރާއިން ބުނީ ބ.އަތޮޅުގައި ހިދުމަތް ފެށުމާއެކު މިހާރު 11 އަތޮޅެއްގައި ފެރީގެ ހިދުމަތް ކުރިއަށްދާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. 

މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އާރްޓީއެލް ފެރީ ނިޒާމަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ މެދުގައި ހެޔޮ އަގުގައި އަރާމުގައި ކަނޑުމަގުން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް، ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ ހުރިހާ އަތޮޅުތައް ބަހާލައިގެން ހިންގާ މަޝްރޫއެކެވެ. މަޝްރޫއު ތަންފީޒުކުރަނީ އެމްޓީސީސީންނެވެ. 

ކިޔުންތެރިންގެ ހިޔާލު