ENGLISH
25 ޖުލައި 2025
ނ. މަގޫދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތައް މިއަހަރު ފެށޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
23 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
ނ. މަގޫދޫގެ ތަރައްޤީއަށްޓަކައި ހިންގަން ރާވާފައިވާ މުހިންމު ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރު، އެ އަތޮޅު މަގޫދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން، ރައީސް ޑރ. މުޢިއްޒު ވަނީ، އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، މަގޫދޫގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައިވާ ކަންކަމުގައި އަމަލީ ސިފަޖައްސަވައިދެއްވައި، އެ ވަޢުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ފެނާއި، ނަރުދަމާގެ މަޝްރޫޢެވެ. ނ. މަގޫދޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ބައްލަވައިލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ކަންކަން ރޭވިފައިވަނީ، އެއް ކުންފުނި އަނެއް ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭ ބީދައިން ކަމަށެވެ.
"މި ރަށަށް ބަލާލާއިރު، މި ރަށުގަ ފެނާއި ނަރުދަމާގެ މަސައްކަތް އޮތީ، ހަމަ ކުރިން ދެންނެވިގޮތަށް ހުއްޓިފަ އޮތް ކެޓަގަރީގަ. ނުހިނގާ އޮތް ކެޓަގަރީގަ. މިހާރު އަޅުގަނޑުމެން މިވަނީ އެމްޑަބްލިއުއެސްސީއާ ދެ މަޝްރޫޢުވެސް ހަވާލުކޮށްފަ،" - ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު
އެގޮތުން، މަޝްރޫޢަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީ އިން ކުރިއަށްގެންދާއިރު، މަޝްރޫޢު ހިންގަން ބޭނުންވާ އިންސާނީ ވަސީލަތުގެ ކަންކަން ހަމަޖައްސަމުން ގެންދާނީ ފެނަކައިން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދެން އަލަށް ފަށަން ހުރި މަސައްކަތްތަކަށް ބަލާއިރު، އެމަނިކުފާނު ވަޢުދުވެފައިވާ ފަދައިން ސިއްހީ ދާއިރާ އާއި ތަޢުލީމީ ދާއިރާއިން ގުޅުންހުރި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ވެސް މާ ލަހެއްނުވެ ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ރަށުގެ ޞިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމަށް ތަރައްޤީކުރެވޭ އެކްސްޓެންޝަން ބިލްޑިންގްގެ މަޝްރޫޢާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ވެސް ވަޢުދުވެފައިވާ ފަދައިން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެ ރަށުގަ ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ނ. މަގޫދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ހިންގާ ޝޯ ޕްރޮޓެކްޝަން މަޝްރޫޢުގައި އަންނަ މަހު ސޮއިކުރެވޭއިރު، މޫދަށް އެރިއުޅެވޭ ސަރަހައްދެއް ތަރައްޤީ ކުރުމުގެ ކަންކަންވެސް ހަމަޖައްސަވައިދެއްވާނެ ކަމަށާއި، އެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ވެސް މާ ލަހެއް ނުވެ ފެށޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
އަދި، ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެކަމަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެފައިވާ ވަޢުދުފުޅާއެއްގޮތަށް، މަގޫދޫގައި ފުޓްބޯޅަ ދަނޑެއް އެޅުމުގެ އަމަލީ މަސައްކަތްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ދެން ނ. މަގޫދޫއަށް ވަޑައިގަންނަވާނީ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ކަމުގައި އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.